ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމައިފިއެވެ.

މިއަދު އެކަން އިއުލާނުކުރައްވަމުން އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އެކަމަނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާތީއާއި ރައްޔިތުންނާއި ގާތުން ހިދުމަތްކުރުމުގެ ޝައުގު އެކަމަނާގެ ހުންނަވާތީކަމަށެވެ.

އަދި މާލޭ ސަރަހައްދުގެ ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެކަމަނާއަށް ގާބޫލުކުރެވޭކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ މާލޭގެ ސަރަހައްދަށް އަންނަމުންމިދާ ބަދަލުތަކާއެކު ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށެވެ. އަަދި ކައުންސިލާއި މޭޔަރުގެ އޮފީހުގެ އިތުރުން ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުނުންތަކުގެ ތެރެއިން މާލޭގެ ސަރަހައްދުގެ ތަރައްގީއާއި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކައުތެރިކަމާއި، ފުނިޖެހެމުންދާ އިޖްތިމާއީ އަދި ސިއްހީ މައްސަލަތަކަކީ، މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް އެއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި، އާއީލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތައްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

ކަންމިހެން ހުރުމާއެކު މާލޭގެ މޭޔަރުކަން ކުރެއްވި ތައުލީމީ އަދި ގާބިލު ބޭފުޅަކު، ރާއްޖޭގެ ރިޔާސަތަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ އަދި އެކަށޭނެ ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ އެންމެ ފައިދާ ހުރި ގޮތްކަމަށް ވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

އަދި އެކަންކަން ކުރުމުގައި އާޒިމާއަކީ ތެދުވެރިކަމާއި މުރާލިކަމާއެކު ރެޔާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައި ހުންނަވާނެ ބޭފުޅެއްކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތްކުރައްވާނެކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ. އަދި އެކަން ކުރުމަށް ހުރިހާ ބޭފުޅުންގެ ތާއީދަށް އާޒިމާވަނީ އެދިވަޑައިގެންފައެވެ.