ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ވައިގެ މަގުން ހަމަލާދީ ޒަޔަނިސްޓް އިޒްރޭލުން ހިންގި ގަތުލް އާންމުގައި 200 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.
އިޒްރޭލުން ފުރަތަމަ ބޮން އަޅައި ޖަބަލިޔާ ރެފިއުޖީ ކޭމްޕުގައި ގަތުލް އާންމު ހިންގީ މިދިޔަ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހު އިޒްރޭލް ސިފައިން ޖަބަލިޔާ ކޭމްޕަށް ވައްޓާލީ އެމެރިކާއިން އުފައްދާފައިވާ 6 ބޮމެވެ. ކޮންމެ ބޮމެއްގައި އެއްޓަނު ހުރި ކަމަށްވެއެވެ.
ޖަބަލިޔާ ކޭމްޕުގައި ދެވަނަ ފަހަރަށް އިޒްރޭލުން ގަތުލް އާންމު ހިންގީ އިއްޔެއެވެ. ހައްދު ފަހަނައަޅާފައިވާ އިޒްރޭލް ސިފައިން އިއްޔެ ހިންގި ގަތުލް އާންމުގައި 150 މީހުން މަރުވެ، 120 މީހުން އަދިވެސް ނުފެންނަ ކަމަށް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި މި ގަތުލް އާންމުގައި 777 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.
އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެެސް އިއްޔެ ވިދާޅުވީ ޒަޔަނިސްޓް އިޒްރޭލުން ޖަބަލިޔާގައި ހިންގާފައި ވަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އެކަމަކު އެމެރިކާ އާއި ހުޅަނގުގެ ޝައިތޯނީ ނިންމުންތަކުގެ ސަބަބުން އދ. މެދުވެރިކޮށް އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއިދާރާ ވަނީ ފެއިލްވެފައެވެ.