ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން މިއަދުވެސް ޖަލްސާ ކެންސަލްކޮށްފިއެވެ.

ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވަނީ ހެނދުނު 6:04 ހާއިރެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވި އެ މެސެޖުގައި ބުނެފައި ވަނީ މިއަދުގެ ޖަލްސާ އަށް މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، އެ ޖަލްސާ ކެންސަލް ކުރެވުނު ވާހަކަ ދަންނަވާ ކަމަށެވެ.

މިއަދު ޖަލްސާ އެޖެންޑާކުރީ ނަޝީދު ވަކިކުރުމުގެ މައްސަލަ ދިގު ދެމިގެންދާތީ، އެ މައްސަލަ އަވަސްކޮށް ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދުމުންނެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހަށެވެ. އެއަށް ފަހު އެ މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައި ނުވަނީ އީވާ އަށް ޑެންގޫ ހުން ޖެހި، އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވަމުން ގެންދަވާތީއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.