ދިވެހިންގެ ތެރޭގައި ކަޅުސައިގެ ރަހަ ނޭނގޭ މީހުން އުޅޭނެހެނެެއް ހިއެއް ނުވެއެވެ. ސަބަބަކީ މިއީ އާންމުކޮށް ދިވެހިންގެ ކާތަކެތި ސުފުރާ މަތިން ފެންނަ ބުއިމަކަށް ވާތީއެވެ. ކަޅުސަޔަކީ ދެރަ ނިކަމެތި އެއްޗެއް ކަމުގައި ދެކޭ ބައެއް "ތަހުޒީބު" ނޫން ފަރާތްތައް ވެސް އުޅެއެވެ. ބައެއް ހިސާބުތަކުގައި ރަށްރަށުގެ ބައެއް މީހުން ކަޅުސަޔާއި ކިރުސަޔާ އަޅާ ކިޔާނެއެވެ. އެގޮތަށް ފަރަގުކުރާ މީހުން ދެކެނީ ކަޅުސަޔަކީ ދެރަ އެއްޗެއްގެ ގޮތުގައެވެ.

އެކަމަކު ކަޅުސަޔަކީ ޝާހީ މުއްސަނދިންގެ ސުފުރާމަތިންވެސް ފެންނާނެ ބާވަތެކެވެ.

ކަޅުސައިތަށީގެ އެއްފަރާތުގައި ލުނބޯކޮޅެއް ބޭއްވުމަކީ އޮލްފެކްޓްރީ ސެންސަސްއަށް ލިބޭ އުފަލެއްކަމަށްވާއިރު ކަޅުސަޔަށް ލުނބޯ އެއްކޮށްގެން ބުއިމުން ލިބޭ ފައިދާ ކިހާ ބޮޑުވާނެހެއްޔެވެ. ލުނބޯކަޅުސަޔަކީ ނާރުގެ ނިޒާމަށް، ދިފާއީ ނިޒާމަށް، ބަނޑުގެ ސިއްހަތަށް އަދި މަސްތަކަށް ލިބޭ ލުޔެއް ކަމަށް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. ކަޅު ސަޔަކީ ވަގުތުން އޭގެ އަސަރު ހަށިގަނޑަށް ފޯރުކޮށްލާ ބުއިމެކެވެ. ހާއްސަަކޮށް ހޫނު ސައިތަށްޓެއް ނަމަ ފިނިވެފައި ހުންނަ ވަގުތެއްގައި އެއަށްވުރެ އަރާމު ފަރުވާއެއް ހަށިގަނޑަކަށް ނުދެވޭނެއެވެ. މީގެ ހެއްކަކީ ފިނި ދުވަސްތަކުގައި، ވާރޭ ވެހޭ ދުވަސްދުވަހު ސައިތަށްޓެއް ބޯލުމުން ހަށިގަނޑަށް ލިބިގެންދާ އަރާމާއި ހަމަޖެހުމެވެ.

މިއަދު އަހަރެމެން ދައްކަން މިއުޅެނީ ކަޅުސަޔަށް ލުނބޯ އަޅައިގެން ބޭނުން ކުރުމުގެ ފައިދާގެ ވާހަކައެވެ. ދިވެހިންގެ ތެރޭގައި ލުނބޯސައި ބޭނުންކުރަނީ ހަމައެކަނި އަރިދަފުސް ރޯގާ ޖެހުމުން ބޭނުން ކުރަން ރަނގަޅު އެއްޗެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއީ އެއަށްވުރެ މާބޮޑަށްވެސް ފައިދާގިނަ އަދި ސިއްހަތާ ރައްޓެހި ސަޔެކެވެ.

ލުނބޯ އަކީ ކަޅު ސަޔާއެކު "ކޮމްބައިން"ވާ ކަޅުސައިގެ ގާތްއެކުވެރިއެކެވެ. ސައިފަތުގެ ހަލުވި ރަހަ ލުނބޯ ހުތުގެ މަދު ތިކިތަކަކުން އަރާމު މީރު ރަހައަކަށް ބަދަލުކޮށްލައެވެ. ކަޅުސަޔަށް ލުނބޯ އަޅައިގެން ބޭނުން ކުރެވޭ އެކިގޮތްތައްވެސް ހުރެއެވެ.

ލުނބޮއަޅީ އެންޓިއޮކްސިޑެންޓް އެކުލެވޭ ބާވަތެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކޮށް، ތަފާތު ބަލިތަކުން ހަށިގަނޑު ސަލާމަތުން ހުރުމަށް މަގުފަހިކޮށްދޭ އަދި މުސްކުޅިވުން ދުރުކޮށްދޭ ބާވަތެކެވެ. ދުވާލަކު ދެ ފަހަރު ލުނބޯ އަޅައިގެން ސައިތަށްޓެއް ބޯލުމަކީ ޕާކިންސަންސް އާއި އަލްޒައިމާ ފަދަ ނާރުތަކަށް ގެއްލުންދޭ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. އަދި މުސްކުޅިވުމުގެ ކުރީކޮޅުގެ ނިޝާންތަކާ ދެކޮޅަށް ވެސް އެހީތެރިވެދޭނެ އެވެ.

މިއީ ހަޖަމުކުރުމުގެ އެއްބައިވަންތަކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. "ލެމަން އިންފިއުޒްޑް ބްލެކް ޓީ" ލުނބޯސައި ގަވާއިދުން ބޭނުންކުރުމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ފައިދާ ހުރި ކަމެކެވެ. ހަމައެހެންމެ ކަޅުސައިގައި ލުނބޯ ހިމެނުމަކީ ހަކަތައިގެ މިންވަރު އިތުރުވެ ސަމާލުކަން ދެވޭ މިންވަރު ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ހަމައެހެންމެ ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.

ކަޅުސައިގައި ލުނބޯ ހިމަނައިގެން ބޭނުން ކުރުމުން ހަށިގަނޑުން އިތުރު ކާބްސް އާއި ހަކުރު ނައްތާލަން މަސައްކަތް ކުރެއެވެ. މިއީ މެގްނީޒިއަމް، ކެލްސިއަމް އަދި ޕޮޓޭސިއަމް ފަދަ ހަށިގަނޑަށް ބޭނުންވާ ތަފާތު ނިއުޓްރިއެންޓްސް ފޯރުކޮށްދޭ ބުއިމެކެވެ.

ލުނބޯއަކީ ވިޓަމިން ސީ ގެ ގުދުރަތީ ވަސީލަތެކެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސައިގެ އާންމު ހޫނުކަމުން ކަރުތެރެ އާއި ހަށިގަނޑު ހޫނުކޮށްދެއެވެ. އަދި ބެކްޓީރިއާތަކުގެ ހަރަކާތްތައް ބަލިކޮށް ދަށްކޮށްލާއިރު ހުމާއި ރޯގާގެ މޫސުމްތަކުގައި އަރިދަފުސްރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އާންމުކޮށް ލުނބޯސައި ބޯ މީހެއްނަމަ ރޯގާ ޖެހުމުން ދުރުވާނެއެވެ. ލުނބޯސައިން ހިތުގެ ދުޅަހެޔޮކަން ރައްކާތެރިކޮށްދީ، ކޮލެސްޓްރޯލް ދަށްކޮށް، ލޭގައި ހަކުރު ރެގިއުލޭޓްކޮށް، ލޭގެ ޕްރެޝަރު ރެގިއުލޭޓް ކޮށްދެއެވެ.

ލުނބޯ އަކީ އެސިޑިކް ބާވަތެކެވެ. މިއީ ހަޖަމުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ކަޅުސަޔަކީ ހަށިގަނޑުގެ ރެސްޓިން މެޓަބޮލިކް ރޭޓް ވެސް ރަނގަޅުކޮށްދޭ އެއްޗަކަށް ވީއިރު ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. އެހެން ނަމަވެސް ސަޔަށް ހަކުރު އަޅާނަމަ މީގެ މިފައިދާތަކެއް ނުފެންނާނެއެވެ. އެހެންނަމަވެސް ފޮނިރަހައެެއް ބޭނުންވާނަމަ މާމުއިކޮޅެއް ބޭނުން ކުރެވިދާނެއެވެ.