މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިޒްރޭލިގެ ރަހީނުން ހޯދުމުގެ ނަމުގައި ޣައްޒާ މަތިން އެމެރިކާގެ ޑްރޯންތައް ދުއްވަން ފަށައިފިއެވެ.

ޣައްޒާ މަތިން އެމެރިކާގެ ޑްރޯންތައް ދުއްވަމުންދާ އެގައުމުގެ އަސްކަރީ އޮފިޝަލުން ވަނީ "ރޮއިޓަސްް" އަށް ކަށަވަރު ކޮށްދީފައެވެ. އެމެރިކާގެ އޮފިޝަލުން ރޮއިޓަސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޣައްޒާ މަތިން އެމެރިކާއިން ދުއްވަމުން ދަނީ "ސަވައިލަންސް" ޑްރޯންތަކެވެ. އަދި މިޑްރޯންތައް ޣައްޒާ މަތިން ދުއްވަމުން އަންނަތާ މިހާރު ހަފްތާއެއްހައި ދުވަސްވެފައިވާ ކަމަށެވެ.

ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ 220 ރަހީނުންގެ ތެރޭގައި އެމެރިކާގެ 10 މީހުން ހިމެނޭކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއަކީ މާލީ ގޮތުންނާއި އަސްކަރީ ގޮތުން ޒަޔަނިސްޓް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައެޅި އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ގަތުލްއާންމުތައް ހިންގަމުން ދަނީ އެމެރިކާގެ ހަތިޔާރުގައި އެމެރިކާގެ ފައިސާގެ އެހީގައެވެ.

ބޭނުމަކީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރެ އިޒްރޭލް ލައްވައި ޣައްޒާ އަޅުވެތިކޮށް، އިޤްތިސާދީ ގޮތުން އެތަނުގެ ހުރިހާ ބާރުތަކެއް އެމެރިކާ އާއި އިޒްރޭލުގެ މުށުތެރެއަށް ލުމެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން މިކަން ރާވާފައިވާ ގޮތްކަން އެމެރިކާގެ ކުރީގެ އޮފިޝަލުން ދީފައިވާ ބަސްދީގަތުންތަކުން އެނގި ހާމަވެއެވެ.