ޒަޔަނިސްޓް އިޒްރޭލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް ބޭރުގައި އޮތް އެމްބިއުލާންސަކަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 15 މީހުން ޝަހީދު ކޮށްލައިފިއެވެ.

މިހަމަލާގައި ފަންސާހަކަށް މީހުން ޒަޚަމްވި ކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވައެވެ.

ހަމަލާ ދިނުމަށްފަހު ޓެރަރިސްޓް އިޒްރޭލުން ބުނީ އެމްބިއުލާންސުގައި ތިބީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށެވެ. އެކަމަކު ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަހީދުވެފައި ވަނީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ޓެރަރިސްޓް އިޒްރޭލުން ގެންދަނީ ކޮންމެ ދުވަހަކު ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާއި ނޫސްވެރިންނަށްވެސް ހަމަލާ ދެމުންނެވެ.

މިގޮތުން ޣައްޒާގައި އދ.އިން ހިންގަމުން އަންނަ ސްކޫލަކަށް އިޒްރޭލުން އިއްޔެ ދިން ޓެރަރިސްޓް ހަމަލާގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ. މީގެ ތެރޭގައި ސްކޫލް ދަރިވަރުންވެސް ހިމެނެއެވެ.

މިމަހުގެ 7 ވަނަ ދުވަހުންް ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުން އަންނަ ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް 9،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި 3500 އެއްހައި ކުޑަކުދިންނާއި 2500 އެއްހައި އަންހެނުން ހިމެނެއެވެ.