ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް "ރައިޓް މޫވްމަންޓް" ގެ ފަރާތުން މިރޭ މާލޭގައި ބާއްވަން ހަމަޖެއްސި، "ގާޒާ އެދިގޮވަނީ" ނަމުގެ ސައިކަލް ބުރާއި އެއްވުން ފަސްކޮށްފިއެވެ.

ރައިޓް މޫވްމަންޓުން އިންތިޒާމު ކުރާ މި ސައިކަލް ބުރު ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:00 ގައި ރަސްފަންނުންނެވެ. ސައިކަލް ބުރު ނިންމާލަން އޮތީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އަދި އެ ތަނުގައި ހާއްސަ އެއްވުމެއް ބޭއްވުމަށް ވެސް ރޭވިއެވެ.

އެހެންނަމަވެސް، ރައިޓް މޫވްމަންޓުން ބުނީ އެ ހަރަކާތް ފަސް ކުރީ މޫސުން ތަން ނުދޭތީ ކަމަށެވެ.

ރައިޓް މޫވްމަންޓުން ދަނީ އިސްރާއީލް މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލައި މިދިޔަ ހަފުތާގައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޖަމިއްޔާ އާއި އެހެން ޖަމިއްޔާތައް އަދި ކްލަބުތައް ގުޅިގެން ރައިޓް މޫވްމަންޓުން ވަނީ މީގެކުރިން މާލޭގައި ބޮޑު ހިނގާލުމެއް ވެސް ބާއްވައިފައެވެ.

އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް އިސްރާ އެސޯސިއޭޝަނާއި އަދިވެސް އެހެން ދެ ޖަމިއްޔާއަކާ ގުޅިގެން އިއްޔެ ވަރަށް ތަފާތު ހިނގާލުމެއް މާލޭގައި ވަނީ ބާއްވާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.