ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއްޔެ އާއްމު ކުރުމާއެކުހެން ގިނަބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް ޕޮއިންޓް ދިން ގޮތް ހާމަކުރަން ގޮވާލައި ޕްލޭނިން މިނިސްޓްރީ ދޮށަށް އެއްވެ އިހުތިޖާޖު ކުރުމުން އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ބެލުމަށްފަހު ދާދި ދެންމެއަކު ފުލެޓު ހަވާލުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފިއެވެ.

އޭސީސީއިން ބުނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ ކަމަށެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން (ގެދޮރުވެރިޔާ ސްކީމްގެ ދަށުން) ހުޅުމާލޭގައި އަޅަމުން ދާ ހަތަރުހާސް ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރީ އިއްޔެގެ ވަގުތެއްގައެވެ.

މީގެކުރިން ދާއިމީ ލިސްޓު އާންމު ކުރަނީ ވަގުތީ ލިސްޓެއް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ. އެހެން ނަމަވެސް އިއްޔެ ލިސްޓު އާންމުކުރީ އެ އިޖުރާއާތު ފުރިހަމަ ނުކޮށެވެ. އޭސީސީން ވެސް ފްލެޓު ހަވާލުކުރުން ހުއްޓުވި ސަބަބެއްކަމަށް ބުނެފައި ވަނީ މިމައްސަލައެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ޝަކުވާ ހުށަހަޅަން ފުރުސަތު ނުދީ ދާއިމީ ލިސްޓު އިއުލާން ކުރުމުން އެކަން ކޮށްފައި އެވަނީ 'ޕޮއިންޓް' ދިނުމުގައި އޮންނަ އުސޫލާ ހިލާފަށް "ޝަކުވާ ހުށަހެޅުމުގެ ފުރުސަތު" ނުލިބޭނެހެން ވަކި ބަޔަކަށް ފްލެޓުތަކުގެ ނާޖާއިޒު ފައިދާ ލިބިދިނުމުގެ ގޮތުން ކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ހަތަރުހާސް ފްލެޓު (އާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް) ހަވާލުކުރުން ހުއްޓުމަށް އޭސީސީން ވަނީ ހައުސިންގ މިނިސްޓަރީއަށް އަންގައި އަމުރުކޮށްފައެވެ.

"އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަނީ އަންގާފަ،" އޭސީސީ އިން ބުނެފައިވެއެވެ.

ދާއިމީ ލިސްޓު އާންމުކުރިއިރު ސަރުކާރުން ބުނީ 3 ކޮޓަރީގެ ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން 76 ޕޮއިންޓު ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށް އަދި 2 ކޮޓަރިއަށް ކުރިމަތިލީ މީހުންގެ ތެރެއިން 73 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު މީހުންނަށް ފުލެޓު ލިބޭނެ ކަމަށެވެ.

ލިސްޓު އާންމު ކުރިއިރު ޕޮއިންޓު ދިނުމުގައި އަމަލު ކުރި އުސޫލާއި، އަދި މާލޭގައި ދިރިނޫޅޭ، ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓު ލިބުނު މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާތަކާއެކު މިއަދުގެ ހެނދުނު ސަރުކާރު އޮފީސްތައް ހުޅުވިތާ ގިނައިރުތަކެއް ނުވެ، ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި ގިނަ ބަޔަކު ވަނީ އިހުތިޖާޖުކޮށް، ޕޮއިންޓު އުސޫލު ހާމަކުރަން ގޮވާލާފައެވެ.

ލިސްޓުގައި ވާގޮތުގައި ފްލެޓު ލިބުނު މީހުންގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންޓު ލިބިފައި ވަނީ 73 އިން މަތީން މާކްސް ލިބުނު މީހުންނަށެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓު 76 އިން މަތިން ލިބިގެންނެވެ.

މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރި ގިނަ މީހުން ވަނީ އެ މީހުން މާލޭގައި އުޅޭތާ އެތައް އަހަރެއްވިއިރު ޝަރުތު ހަމަނުވާންވީ ސަބަބާ މެދު ސުވާލު އުފައްދާފަ އެވެ.