ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަޝްރަފު ރަޝީދު، ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހު ގޮނޑިއަށް ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.

''ހަލި'' ނޫހަށް މައުލޫމާތު ދެއްވަމުން އަޝްރަފު ވިދާޅުވީ، މިދާއިރާއަށް ކުރިމަތިލެއްވުމަށް ގަސްތުކުރެއްވީ އެބޭފުޅާ ނިސްބަތްވެ ވަޑާއިގަންވާ ދާއިރާއަށް ވެފައި، ރަށުފެންވަރުގައި 27 ވަރަކަށް އަހަރު ޚިދުމަތް ކުރެވިފައިވާތީ ކަމަށެވެ. އަދި ޤައުމީ ލެވެލްގައި ދާއިރާގެ ހުރިހާ ރަށަކަށް ޚިދުމަތްކޮށްދިނުމަށް ބޭނުންވާތީ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މީގެއިތުރުން އަޝްރަފް ވިދާޅުވީ އެދާއިރާއަށް ވާދަކުރައްވަނީ ޕީޕީ އެމް / ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ލިބުމުން ކަމަށެވެ.

އަދި މިދާއިރާއަށް ހޮވިވަޑައިގެންފިނަމަ ފަރެސްމާތޮޑާ ދާއިރާގެ 3 ރަށަށް ކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަން ކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އަޝްރަފު ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީ އެމް/ ޕީއެންސީ ޓިކެޓުގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރު ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.