ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިއުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިއުކޮށްފިއެވެ.

5 ނޮވެމްބަރ 2023 ދުވަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ޙަފްލާއެއްގައި، މިނިސްޓަރ އޮނަރަބަލް އަލްފާޟިލާ ޢާއިޝަތު މުހައްމަދު ދީދީ ވަނީ ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާހު ކޮށްދެއްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު ފަދަ މުހިންމު މައުލޫމާތުތައް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީއިން ބުނީ، މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުން ކަމަށާ އަދި އާންމުންނަށް ފަސޭހައިން މިދަފްތަރުގައި ހުރި މަޢުލޫމާތަށް ވާސިލުވުން ކަމަށެވެ. މިގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދޭނެގޮތް މިހާރުވަނީ ފަހިކޮށްދީފައެވެ.

ޖެންޑަރ މިނިސްޓްރީއިން ބުނީ، މިދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ އޮފީސް) އިން ފޯރުކޮށްދިނުމުން، އެ މިނިސްޓްރީން ޝާއިޢުކުރާ މަޢުލޫމާތު ކަމަށާ، ޕީ.ޖީ އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާހްކުރުމުގެ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުހައްމަދު ދީދީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި އަދި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީ.ޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ، އަދި މި ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މި މަޢުލޫމާތައި މި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ހައްގުގައިވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން، ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ ޕީ.ޖީ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ކަމަށްވުމުން، މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވާ ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމް އަދި ޕީ.ޖީ އޮފީޖުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމްގެ ވާހަކަފުޅުގައިވެސް މި މަސައްކަތަކީ އަދި ފެށުމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރާއި ގުޅޭ މަޢުލޫމާތެއް ހިއްސާކުރުމަށް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އީމެއިލް [email protected] މެދުވެރިކޮށް ހިއްސާކޮށްދެއްވުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައެވެ.