ބޮލީވުޑަށް އަލަށް ތައާރަފުވާ އަލީޒޭ އަގްނިހޯތުރީގެ ފިލްމް "ފަރޭ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

އަލީޒޭ އަގްނިހޯތަކީ ސުޕަރސްޓަރ ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ ސްޓާރެކެވެ. މި ފިލްމުގެ ޓީޒާ މިހާރުވަނީ ރިލީޒް ކޮށްފައެވެ. ޓޯޒާ ބަލާލުމުން ވެސް ފިލްމް ބަލަން ހިތްޖެހޭނެކަން ގައިމުވާހާ ރީއްޗެވެ.

އަލީޒޭ އަގްނިހޯތުރީ އަކީ ސަލްމާން ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގުނިހޯތުރީގެ ދަރިއެކެވެ. މި ފިލްމަކީ އުމުރުން 22 އަހަރުގެ ޒުވާން އަލީޒޭ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ އެވެ.

ނޮވެމްބަރު މަހު ސިނަމާތަކަށް އަންނަ މި ފިލްމްގެ އެއް ޕްރޮޑިއުސަރަކީ ސަލްމާން ހާންއެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަަކަ ދައްކަމުން އަލީޒޭ ބުނީ "ފަރޭ" އަކީ ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ، ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.

ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.