މިިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ޒަޔަނިސްޓް އިޒްރޭލުން ހިންގަމުން އަންނަ ގަތުލް އާންމުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 10،000 ފަހަނައަޅައި ހިނގައްޖެއެވެ.

ޒަޔަނިސްޓް ޔަހޫދީން ޝަހީދުކޮށްލި މީހުންގެ ތެރެއިން 152 މީހުން ނިސްބަތްވަނީ ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރިއަށެވެ. ބާކީ ތިބި ޝަހީދުން ނިސްބަތް ވަނީ ޣައްޒާއަށެވެ.

ޒަޔަނިސްޓް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ގަތުލް އާންމު ހިންގަން ފެށިތާ މިއަދަށް އެއްމަސް ދުވަސްވެފައިވާއިރު، މިދުވަސްތަކުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާއަށް ބޮން ނާޅައި އެންމެ ދުވަހެއްވެސް ނުދެއެވެ. އާންމުން ދިިރިއުޅޭ އިމާރާތްތަކަށް 6 ޓަނުގެ ބޮން އަޅާފައިވެސް އެބަހުއްޓެވެ. ޣައްޒާގެ އިތުރުން އިޒްރޭލުގެ އަނިޔާވެރިކަން އެންމެ ބޮޑަށް ފުޅާކޮށްފައި ވަނީ ހިސާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައެވެ. ހުޅަނގު އައްސޭރިން ފަލަސްތީނު ރައްޔިތުން ގަޔަށް ބަޑި ޖަހައި ޝަހީދު ކުރަމުންދާއިރު، ޒަޔަނިސްޓް ޔަހޫދީ އާންމުން ގެންދަނީ ފަލަސްތީނުގެ ގޯތި ގެދޮރަށްވަދެ ހަމަލާދީ ކުޑަކުދިންނާއި އަންހެނުންވެސް ޝަހީދު ކުރަމުންނެވެ.

އަލްޖަޒީރާއިން މިއަދު ހެނދުނު ރިޕޯޓްކޮށްފައިބާ ގޮތުގައި ރޭ ފަތިހު އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ޚާން ޔޫނިސްގެ ގެއަކުން 8 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މިހަމަލާގައި އެތައްބަޔަކު ވަނީ ޒަޚަމްވެފައެވެ.