ދިވެހިރާއްޖޭގެ ލިޔުންތެރިކަން ކުރިއަރުވަން ހިތްވަރާއެކު މަސައްކަތް ކުރަމުން އަންނަ ލިޔުންތެރިންގެޖަމްއިއްޔާ، "ލިޔުންތެރިންގެ ގުޅުމުން" މާލެއަތޮޅު، ހުރާ ސްކޫލު ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ.

ހުރާސްކޫލުގެ ލައިބްރަރީއަށް، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން މި ފޮތްތައް ހަދިޔާކޮށްދެއްވީ، ހިންގާކޮމިޓީގެ މެންބަރު އަލްފާޟިލް އަހުމަދު ޝިޔާމެވެ. ހުރާ ސުކޫލުގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ ސުކޫލުގެ ޕްރިންސިޕަލް އާމިނަތު އަރީޝާއެވެ.

ލައިބްރަރީއަށް ފޮތްތައް ހަދިޔާ ކޮށްފައި ވާއިރު ވަރަށް ހާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، ހުރާ މިފޮތްތަކުގެ ތެރޭގައި ލިޔުންތެރިންގެ ގުޅުމުން ޝާއިއުކޮށްފައިވާ ބައެއް ފޮތްތަކާއި މަޖައްލާތައް ހިމެނޭކަމެވެ. އަދި ލިޔުންތެރިންގެ ގުޅުމުގެ ބައެއް މެންބަރުން ހަދިޔާކުރައްވާފައިވާ ތަފާތު ފޮތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ލިޔުންތެރިންގެ ގުޅުމުން އަންނަނީ، މާލެއާއި އަތޮޅުތަކުގެ ވަރަށް ގިނަ ސްކޫލްތަކުގެ ލައިބްރަރީތަކަށާއި އެކި ފަރާތްތަކުން ބާއްވާ އަދަބީ ތަފާތު މުބާރާތްތަކަށް އިނާމުގެ ގޮތުގައި ވެސް ފޮތް ހަދިޔާ ކުރައްވަމުންނެވެ. މީގެ އިތުރުން ތަފާތު އަދަބީ ހަރަކާތްތައް ހިންގައި ރޭވުމުގައިވެސް މިއީ ކުރިއަރަމުން އަންނަ ޖަމިއްޔާއެކެވެ.

ހަމައެހެންމެ މިފަދަ އެއްވެސް އެހީއަކަށް ބޭނުންވާ ފަރާތެއްނަމަ ލިޔުންތެރިންގެ ގުޅުމަށް ސިޓީ ފޮނުއްވުމުން، ދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާނެއެވެ. ފޮތުގެ އެހީއަށް އެދި މެއިލު ކުރައްވާނީ [email protected] އަށެވެ.