ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލް އާންމުގައި ހަމާސް ޖަމާއަތުގެ ވަސް ފޮހެލާނެ ކަމަށާއި، އެއަށްފަހު ޣައްޒާގެ ސަލާމަތީ ކަންކަމުގެ ޒިއްމާއާ މުދައްތެއް ނެތް ގޮތަށް ހަވާލުވާނީ ޒަޔަނިސްޓް އިޒްރޭލުން ކަމަށް، ފަލަސްތީނުގެ ރައްޔިތުންގެ ލެއިން ތަތްތެޅިފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އެމެރިކާގެ "އޭބީސީ" ޗެނަލްއަށް ރޭ ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ އިޒްރޭލުން ޣައްޒާގެ ސަލާމަތީ ކަންކަމާ ހަވާލު ނުވެއްޖެނަމަ ހަމާސް ޖަމާއަތުން އެނބުރި އައިސް އިޒްރޭލަށް ހަމަލާދޭނެ ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލް އާންމު ހުއްޓާލައި އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާ ގޮވާލުމަށް ބީރު ކަންފަތެއް ދެމުން ނަތަންޔާހޫ ބުނީ ހަމާސް ޖަމާއަތުން އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ރަހީނު ކުރި އިޒްރޭލު މީހުން ދޫކޮށް ނުލަނީސް ގަތުލް އާންމު ހުއްޓާނުލާނެ ކަމަށެވެ.

"ހަމަލާތަކުގެ ޓެކްޓިކަލް ބޭނުމަކަށް ގަޑިއިރަކަށް ނުވަތަ ދެގަޑިއިރަށް ހަމަލާތައް ހުއްޓާލެވިދާނެ. އެއަށްވުރެ ގިނަ ވަގުތައް ހަމަލާތައް ހުއްޓާލުމަކަށް އެއްބަހެއް ނުވެވޭނެ" ފަަލަސްތީނުގެ ބިންތައް ފޭރި ފަލަސްތީނުގެ ރައްޔިތުން ބޮލަށް ކޮންމެ ދުވަހަކު ބޮން އަޅަމުން އަންނަ ބޮޑުވަޒީރު ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލުން މުއްދަތެއް ނެތް ގޮތައް ޣައްޒާގެ ސަލާމަތީ ކަންކަމާ ހަވާލުވާނެކަން އިއުލާން ކޮށްފައިވާއިރު، އެމެރިކާއިން ދަނީ ޣައްޒާގެ އައު ސަރުކާރު އެކުލަވާލާނެ ގޮތާއި ބާރުތައް ބަހާނެ ގޮތުގެ މަަޝްވަރާތައް ސައުދީ، މިސްރު، ޔޫއޭއީ، ޤަތަރު އަދި ޖޯޑަންއާއެކު ކުރަމުންނެވެ.