އިޒްރޭލުގެ ހަމަލާތަކުގައި، އަނިޔާ ލިބެމުންދާ ފަލަސްތީނަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި މާސީ ގުޅިގެން ހުކުރު ދުވަހު ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

އައިއޭސީ އިން ހާމަކޮށްފައިވާ ގޮތުގައި މި އިވެންޓް އޮންނާނީ 10 ނޮވެމްބަރ ވާ ހުކުރު ދުވަހު ރަސްފަންނުގައެވެ. ހަވީރު 4:00 ން ރޭގަނޑު 9:00 އަށް ކުރިއަށްދާ މި ހަރަކާތުގައި ތަފާތު އެކި ކަންކަން ވަނީ ރާވާފައެވެ.

"އަހަރުމެންނަށް ފަލަަސްޠީނަށްޓަކައި ކުރެވޭނެ ވަރަށް ކަންކަން އެބަހުރި. އަހަރުމެންގެ ތުއްތު ދަރީން ލައްވާވެސް ކުރުވޭނެ ކަންކަން އެބަހުރި. އެކަންކަން ކޮށްގެން ނޫނީ ކުރިއަށް އޮތް ތަނުގަ ފަލަސްޠީނުގެ ނަން ކުދިންނަށް ނުވެސް އެނގިދާނެ، އެގޮތުން މި ހުކުރު ދުވަހު، އައިއޭސީ އާއި މާރސީ އިން ރާވާ ވަރަށް ހާއްސަ ހަރަކާތްތަކެއް އާރޓިފިޝަލް ބީޗުގަ އޮންނާނެ. 10 ނޮވެމްބަރ ހުކުރު ދުވަހު ހަވީރު 4 ން 9 އަށް. ކުދިބޮޑު އެންމެން ފަލަސްޠީނައްޓަކާ ވާނެ އަންނަން މިތަނަށް،" އައިއޭސީ އާއި މާސީ ގުޅިގެން ކުރިއަށް ގެންދާ މި އިވެންޓާ ބެހޭ ގޮތުން އައިއޭސީގެ ސޯޝަލްމީޑިޔާ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އައިއޭސީން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޒަހަމްވެފައިވާ ގާޒާގެ ކުޑަކުދިންނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަދައްކައި އުފާކޮށްދެވޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން އަގްސާ ހޮސްޕިޓަލުގައި ތިބި 700 ކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭ ސާމާނު ބަހާފައިވާ ކަމަށް ބުންޏެވެ.

އައިއޭސީން ބުނީ، ގާޒާގެ 200 އާއިލާއަކަށް 500 ޑޮލަރުގެ އެެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާވެސް ބަހަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ބަހާފައި މިވަނީ ދޭރް ބަލަހްގެ ހިސާބުގައި ގާޒާގެ ރައްޔިތުގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައްވެސް ހުރުމާއެކު، މި ފައިސާގެ ބޭނުން ހިފި އެ ރައްޔިތުންނަށް ކޮންމެސް ލުޔެއް ލިބިގެންދާނެތީ،" އައިއޭސީން ބުންޏެވެ.

އައިއޭސީން މީގެ ކުރިންވެސް ވަނީ ގާޒާގެ 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން 150،000 ޑޮލަރު ބަހައިފައެވެ.

ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.