ރާއްޖެ އެތެރެކުރަން އުޅުނު 2.389 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން މިއަދު އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ އެތަކެތި އަތުލައިގެންފައިވަނީ ސެޕްޓެމްބަރުމަހާއި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިޔަރ އަދި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.

އެގޮތުން ތަފާތު 5 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި ކަސްޓަމްސްއިން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތެެއް ކަމަށްވާ ސިންތެޓިކް ކެތިރޯން އަށް ޕޮޒިޓިވެވެފައިވާ ކަމަށް އެ ސާރވިސްއިން ވިދާޅުވިއެވެ.

މީގެއިތުރުން ކަސްޓްމްސްއިން ވިދާޅުވީ މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.389 ކިލޯ ހުރި ކަމަށާއި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.