އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފި އެވެ.
ރައީސްސާލިހު މި ނިންމެވުން ހާމަކުރެއްވީ ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެޖަލްސާގައި އެމަނިކުފާނު މިނިންމެވުން ނިންމެވީ ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް, ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު މި ސަރުކާރުން ވުޖޫދަށް ގެނެސް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ސަގާފީ ތަރިކައަށް ލިބިގެން ދިޔަ ކަމަށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓާރ ޔުމްނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފެށީ ސެޕްޓެމްބަރު 12 ގައެވެ.