އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމުގައި ހަނާވެ ނެތެމުންދާ ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށްޓަކައި "ހިމޭން އިހުތިޖާޖު" ގެ ނަމުގައި މާލޭ ސިޓީގެ އަންހެން ކަނބަލުންތަކެއް ކޮންމެ ރެއަކު އަޑުއުފުލުމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
"ހަލި" ނޫހަށް މައުލޫމާތު ދިން އަންހެންބޭފުޅަކު ހާމަކުރި ގޮތުގައި މިއީ ވަކި ބަޔަކު އިސްވެ، ނުވަތަ ވަކި ފަރާތަކުން އިސްނަގައިގެން، މިފަދަ ގޮތަކަށް ގެންދާ ހަރަކާތެއް ނޫނެވެ. ކޮންމެ ފަރުދަކުވެސް އަމިއްލައަށް އިސްނަގައިގެން އެއްވުން އޮންނަ ތަނަށް ގޮސް އިހުތިޖާޖުގައި ބައިވެރިވާންވީއެވެ.
މިރޭ 8:30 އިން ފަށާ މި އިހުތިޖާޖު ކުރިއަށް ދާނީ މަޖީދީމަގާ ދިމާއަށް ވާ ގޮތަށް އާޓިފިޝަން ބީޗުގައެވެ. މި އިހުތިޖާޖު މެދުކެނޑުމެއް ނެތި ކޮންމެ ރެއަކުވެސް ކުރިއަށްދާނެއެވެ.
ފަލަސްތީނު ބިމަށް އޮހޮރެމުން އެދަނީ ހަމަ މުސްލިމް އަހުންނާއި އުހުތުންގެ ލެއެވެ. އެއްވެސް ކުށެއް ނެތް މައުސޫމު ޅަދަރިންނާއި މައިން ޝަހީދު ކުރާ އެ މަންޒަރުތައް ފެނުމުން ހިތްތައް ގެނބިގެންދެއެެވެ. އެ ގައުމާ މިހާ ދުރުގައި ތިބިކަމުގައި ވިޔަސް ދިވެހިންގެ ހިތްތައް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ގާތުގައެވެ.
"ވަކި މުއްދަތެއް ނެތް، މިއީ ކުރިއަށް މިދާ ލޭއޮރޮހޮރުވުމާ ހެދި ކެތްނުވެގެން ބާއްވާ އެއްވުމެއް، މި އިހުތިޖާޖު ކޮންމެ ރެއަކުވެސް އޮންނާނެ، ގޮތަކަށް ބުނަންޏާ މިއަޑު އިޒްރޭލާ ހަމައަށް ފޯރަންދެން ހިތްވަރު ކުރާނަން، ކުރެވެން އޮތް ގޮތަކަށް މިތިބީ ދީނުގެ ހައްގުގައި އެ ނުލަފާ ހާއިނުންނާ ދެކޮޅަށް ޖިހާދު ކުރަންނުކުމެ، ކޮންމެ އަންހެންބޭފުޅަކު ވެސް އަންނަންވީ އާޓިފިޝަލްބީޗަށް، 8:30 ގައި ކޮންމެ ރެއަކުވެސް މި އިހުތިޖާޖު ފަށާނެ،"
ފަލަސްތީނަށްޓަކައި ދިވެހިންދަނީ ތަފާތު އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ފަންނާނުންނާއި މަސްވެރިންނާއި ދަނޑުވެރިން، މިހެން ގޮސް ނަން ހުސްކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ފަލަސްތީނަށްޓަކައި ތަފާތު އެކި ކަންކަން ކުރަމުންނެވެ. ހާއްސަކޮށް ކޮންމެ ހަފްތާ ބަންދެއްގައި ފަލަސްތީނަށްޓަކައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އަދި ފަންޑްރައިޒިން އިވެންޓުތަކުން ލިބޭ ފައިސާ، އައިއޭސީގެ އެހީތެރިކަމާއެކު ފަލަސްތީނަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފޯރުކޮށްދެއެވެ
އިޒްރޭލުގެ އަނިޔާގައި ޝަހީދު ވަމުންދާ އަހުންނާއި އުުހްތުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހަކަށް ގިނަވަމުންނެވެ. މި އަނިޔާވެރިކަން ހުއްޓާލާނެ ކަމުގެ އިޝާރާތެއް، ހިލަމެއްވެސް ޒަޔަނިސްޓު ޔަހޫދީންގެ ފަރާތަކުން ނުފެނެއެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ފެށި އަނިޔާވެރި، ލޭއޮހޮރުވުމުގައި މިހާތަނަށް ގާޒާގައި މަރުވި މީހުންގެ އަދަދު 10،000އިން މައްޗަށް ވަނީ ގޮސްފައެެވެ. މި ބޮޑު ލޭއޮހޮރުވުމުގައި ގިނައިން މަރުވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. މިހާތަނަށް މަރުވި ކުޑަކުދިންގެ އަދަދު 4،000އާ ކައިރިކުރެ އެވެ.