މޯލްޑިވެސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފްލީޓަށް އަލަށް އިތުރު ކުރެވޭ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ.

މިކަން ހާމަކޮށް އެ ކޮމްޕެނީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހު 19 ވާ އާދިއްތަ ދުވަހު މި ބޯޓު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި ޖަޒީރާ 104 އަދި 105 މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށެވެ.

ޖަޒީރާ ސީރީޒްގެ މި މަސްކިރާ ބޯޓްފަހަރަކީ ބޯޓަކަށް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެއްކަމަށް މިފްކޯއިން ބުނެފައިވެއެވެ. ހަމައެއާއެކު މިތިން ބޯޓް އެ ކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަނެވޭނެކަމަށްވެސް އެ ކޮމްޕެނީން ބުންޏެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯއިން މިއަހަރު 4 ބޯޓުގަނެފައިވެއެެވެ.

މީގެއިތުރުން މިފްކޯއިން ބުނީ މިއަހަރު މާރޗް މަހުގައި ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބޯޓަކީ ދުވާލު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތައް ފަރުމާ ކޮށްފައިވާ ބޯޓެއް ކަމަށްވެސް އެ ކޮމްފެނީއިން ބުނެފައިވެއެވެ،