ދެކުނު ޣައްޒާގައި ހުރި ހޮސްޕިޓާތަކުން ހިދުމަތް ނުކެނޑި އަދިވެެސް ދެމުންދާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓަރ މައި ކައިލާ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓަރު މައި ކައިލާ އަރަބް ސްކައި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ޣައްޒާއަށް ލިބޭ މަދުނަމަވެސް އެހީގެ ހުރިހާ ތަކެއްޗެއް ވެސް ދާނީ ދެކުނަށް ކަމަށް ވިދާޅުވެފައެވެ. އެއީ އިޒްރޭލުންގެ އަމުރާ އެއްގޮތަށް ކަމަށްވެސް ހިތާމައާއެކު ވިދާޅުވެފައިވެއެވެ. އަދި މީގެއިތުރުން ކައިލާވަނީ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ބަޔާން ކުރަން ނެރެފައިވާ ހުރިހާ ބަޔާނެއްގައިވާ އަދަދު ތަކަކީ ތެދު ހަގީގަތް ކަމަށްވެސް ވިދާޅުވެފައެވެ.

"ހުރިހާ އެންމެންގެ ރެކޯޑު ކުރަނީ ނަމުން، ނަމުންނާއި، އައިޑީ ނަންބަރު އަދި އެޑްރެސް، ކޮންތާކުން ގެނައި ކޮން ހާލަތެއްގައި އޮތް މީހެއްތޯ ވެސް ރެކޯޑުކުރަން، މަރުވެފައިވާ މީހުންގެ ލިސްޓު ހަގީގަތާ އެއްގޮތް ވާނެ! އިޒްރޭލުން ކޮންމެ އެއްޗެއް ކިޔަސް އެ ލިސްޓުން އެ ފެންނަނީ ހަގީގަތް" ކައިލާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޫބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ގެންދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މިހަމަލާތަކުގައި 10،569 މީހަކު ވަނީ ފަލަސްތީނުން ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ.