އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެ ވަން މީހަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށާއި އޭނާ ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އެ ބިދޭސީ މީހާ މިސްކިތަށް ވަދެ އަޑުގަދަ ކުރުމުން މިސްކިތުގައި ތިބި ބަޔަކު އޭނާ ބޭރަށް ނެރުނެވެ. އޭނާ އެއިރު ހުރީ ސޯޓެއް ލައިގެންނެވެ. ނަމަވެސް ފަހުން އަނެއްކާވެސް އޭނާ ބަރަހަނާ ހާލުގައިހުރެ މިސްކިތަށްވަދެ މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ކިޔައިދިނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ބިދޭސީ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސަރާއި ގުޅިގެން އޭނާ ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.