ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ނެތް ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީންނެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނާތީ، އިތުރު މެމްބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް އެއީ ރަނގަޅު މާނަކުރުމެއް ނޫންކަމަށް މިއަދު ސުޕްރީމްކޯޓުން ކުރި ހުކުމުގައި ބުންޏެވެ.
ހަމައެހެންމެ މަޖިލީހުން އެގޮތަށް އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށްކަން ފާހަގަ ކުރުމާއެކު ހުކުމުގައި ވަނީ ނައިބު ރައީސް ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމަކީ އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވަން ހުރަސް އެޅޭނެ ސަބަބެއް ނޫންކަން ފާހަގަކޮށް ހާމަކުރައްވައި މަޖިލީހުގެ ގަވާއިދުގައި ވެސް އެގޮތަށް އެކަން ބަޔާންވެފައި ނެތް ކަމަށް މިއަދުގެ ހުކުމުގައިވެއެވެ.
ސުޕްރީމްކޯޓުގެ މިއަދުގެ ހުކުމަކީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމެކެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.