ދުނިޔޭގެ އެންމެ އައު ޖަޒީރާ ރަށް، ޖަޕާނުގެ އިވޯ ޖިމާގެ އައްސޭރީގައި ކަނޑުން އުފުލިއްޖެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ (ޖޭއެމްއޭ) އިން ބުނާގޮތުގައި މި އައު ރަށް އުފެދުމުގެ މައިގަނޑު ސަބަަބަކީ ކަނޑުއަޑީގައި އަލިފާން ފަރުބަދަ އެއް ގޮވުމެވެ.

ފޮޓޯތަކުން ފެންނަނީ ކުޑަ ގޮވުމަކާއި އަނދިރި ދުންގަނޑެއް ކަނޑުން އަރާތަނެވެ. މިދިޔަ އަހަރުން ފެށިގެން ޖޭއެމްއޭ އިން އެ ސަރަހައްދުގައި އަލިފާން ފަރުބަދައިގެ ހަރަކާތްތައް ރެކޯޑް ކުރަމުން އައި ނަމަވެސް ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ބިންހެލުމުގެ ދިރާސާ އިންސްޓިޓިއުޓުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޖަޒީރާ އުފެދިފައިވާ ގޮވުން ހިނގާފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރު ސެޓްސުޔާ ނަކާޑާ މި ހަފްތާގައި ޖަޕާން ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިޔާ އަލިފާން (މެގްމާ) ފެނު އަޑީގައި ބިނާވެ އެންމެ ފަހުން ބިމުގެ ސަރަހައްދު ފަޅައިގެން ދިޔައީ ކަމަށެވެ.

ޖަޕާނަކީ މުޅިދުނިޔޭގައި ވެސް އެންމެ ގިނައިން އާ ރަށްރަށް އުފެދޭ އެއްގައުމެވެ.