ޣައްޒާގައި މިހާރު ހިންގަމުންދާ ހަނގުރާމަ ފެށުނު ފަހުން މިއަދާ ހަމައަށް ސަތޭކައަށްވުރެ ގިިނަ މަތީންދާ ބޯޓުގެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ލިބިއްޖެއެވެ. މިތަކެތި ފޯރުކޮށްދީފައިވަނީ ނަވާވީސް ގައުމަކުންނާއި އިންޓަރނޭޝަނަލް އެހީދޭ ތޭރަ ޖަމިއްޔާއަކުންނެވެ.

އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓުފަހަރު ޖައްސާފައިވަނީ މިސްރުގެ އުތުރުގެ ސިނާއީ ޕެނިންސުލާގެ އެލް-އާރިޝް ސިޓީގެ އެއާޕޯޓަށެވެ. އަލްޔޫމް އެސް-ސާބިއާ ނިއުސް އައުޓްލެޓުން ބުނެފައިވާ ގޮތުގައި މިއަދާ ހަމަޔަށް 101 މަތިންދާ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައިވެއެވެ.

މިސްރުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ޑިރެކްޓަރު ޖެނެރަލް ރަމީ އަލް ނަސީރު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައިވަނީ އެކި ގައުމުތަކާއި ޖަމިއްޔާތަކުން ފޮނުވި އިންސާނީ އެހީގެ ސްޓޮކްތައް ހުސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ފަލަސްތީނާ ކައިރި ގައުމުތަކުން ފޮނުވާ އެހީ ވައިގެ މަގުން މިޞްރަށް ފޮނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުން ކެއިން ބުއިމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ވެސް ހުރަސް އަޅައިފައެވެ. މި ހަނގުރާމައިގައި ޔަހޫދީން ވަނީ ފަލަސްތީނުގެ 10000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދީންނެވެ.