ރައްޔިތުންގެ ޖަލްސާތައް ހުއްޓުވާފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް މިއަދު ސުޕްރިމް ކޯޓުން ހުކުމް ކުރުމާއެކު އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި ހަމްދު ކުރާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އިންތިހާބީގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވިކަމަށް ޓަކައި މާތް ﷲއަށް ހަމްދުކުރަން. ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް،" ނަޝީދުގެ އެކްސް.ކޮމް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހަގީގީ މަގުސަދަކީ އާ ރައީސް ހުވާކުރުމުގެ ޖަލްސާ ހުއްޓުވުން ކަމަށާއި، ސުޕްރިމް ކޯޓުގެ ހުކުމާއެކު ހުވާ ކުރެއްވުމުގެ ކަންކަން ރީތިކޮށް ކުރިޔަށް ދާނޭ ކަމުގައެވެ.

ނަޝީދުގެ މިޓުވީޓަށް ރޮޒެއިނާ ވަނީ ރައްދެއްވެސް ދެއްވާފައެވެ.

މިހާރު މަޖިލިހަށް ހުށަހެޅިފައިވާ، ރައްޔިތުންގެ މަޖިލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން މިއަދު ހުކުމް ކުރުމާއެކު، ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ރައްޔިތުންގެ މަޖިލިހުން އެޖެންޑާ ކޮށްފައި ވަނިކޮށް، އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީ ފެއިލް ވެއްޖެ ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ.

ނަޝީދުގެ މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށެވެ. މިކަން މަޖިލިހުގެ އިދާރާއިން ވަނީ ޔަގީން ކޮށްދީފައެވެ.

އެމްޑީޕީން މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއެކުވެސް ރިޔާސަތުން ދޫކުރުމަށް ނަޝީދު ދެކޮޅު ހެއްދުމާއެކު އެމައްސަލަ އެމްޑީޕީން ދެން ހުށަހެޅީ ސުޕްރިމް ކޯޓަށެވެ.

މިމައްސަލާގައި މިއަދު ސުޕްރިމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.