އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެދެފިއެވެ.

އީޕިއޭއިން ވިދާޅުވީ މިދުވަސްވަރު ދުނިޔޭގެ ކަންކޮޅުތަކުން އެކި ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރާ ކަމަށާއި، މިފަދައިން ހިޖުރާ ކުރާ ދޫނި ސޫފާސުއިއްޕަކީ "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދުގެ" ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަމަށެވެ.

މީގެ އިތުރުން މި ގަވައިދުގެ ދަށުން އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ މަނާ ކަމެއްކަމަށާއި، ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރާ ކުރާ ދޫނިތަކެއްކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ.

އެ އެޖެންސީއިން ވިދާޅުވެފައިވާ ގޮތުގައި މިތަކެތި ރައްކާކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެެކެވެ. މިގޮތަށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި، ވިޔަފާރި ކުރުމާއި، މުނިފޫހިފިލުވުމަށް ހިފާ ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަކުރެވޭކަމަށާއި އެހެންކަމުން މިގޮތަށް ޢަމަލު ކުރާ ފަރާތްތައް ހޯދުމަށް އެއްބާރުލުން ދިނުމަށް، އީ.ޕީ.އޭއިން ވަނީ ގޮވާލައްވާފައެވެ. އަދި މިހާރުވެސް އާންމުންގެ ފަރާތުން މިފަދަ ކަންކަމުގައި އެއްބާރުލުން ލިބޭކަން އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ގަވައިދުގެ ދަށުން، ރާއްޖެއަށް ހިޖުރާ ކުރާ މޫސުމީ ދޫނި ގަވައިދާ ހިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް އީ.ޕީ.އޭއަށް ޖޫރިމަނާ ކުރާނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަކަށް ގޯނާ ކޮށްފިނަމަ، 30،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މި ގަވައިދުގައިވެއެވެ.