ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިތުރު އެއް ދުވަސް ދީފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ އެ މުއްދަތު އިތުރު ކޮށްދީފައިވާކަމަށެވެ.

އެގޮތުން އެ މުއްދަތު މިހާރު ހަމަވާނީ މާދަމާ 23:59 ހަމައަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މި ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މިނިސްޓްރީން ކުރިން ހަމަޖައްސާފައިވާ ގޮތުން އެ މުއްދަތު ހަމަވާނީ މިއަދަށެވެ.

މީގެއިތުރުން މި ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހަމަޖެހިފައި ވަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.