ނިކަން ހިތްގައިމު ފަރުމާއެއްގެ ނޫނީ ބޭނުންވާ ވައްތަރަކަށް ފަރުމާކޮށްފައި އޮތް ރީތިރީތި ދަބަހެއް ބޭނުންހެއްޔެވެ؟ މިކަމަށް ހަމަ ޔަގީނުން ވެސް އިރޫގެ "އިކޫސްޓިއާރާ" ވަރެއް ނޯންނާނެއޭ ބުނާނަމެވެ. އެތައް ބައެއްގެ ފަރާތުން އިވުނު ތައުރީފުގެ ބަސްތަކާއި ތަޖުރިބާ ގައި ބުނެވޭނީ "އިކޫސްޓިއާރާ" އިން އެ ފެންނަން ހުންނަ ވަރަށް ވުރެ އިރޫގެ އަތުން ތައްޔާރުކޮށްފައި އޮންނަ ދަބަސް ކޮނޑުގައި އަޅާލުމުން އެލިބޭ ހިތްހަމަޖެހުމާއި އިހުސާސްވާ "ހާދަރީއްޗޭ" ކަން މާބޮޑަށްވެސް އިތުރުވާނެކަން ޔަގީނެވެ.

އިކޫސްޓިއާރާގެ ފަރުމާތަކާއި ވައްތަރުތަކާ ބެހޭ ގޮތުން އޮޅުން ފިލުވާލުމަށް "ހަލި" ނޫހުން އިރޫއާ ބައްދަލުކޮށްލީމެވެ. އިރޫއާ ބައްދަލުވެ ވާހަކަދެއްކުމުން އެނގިހާމަވެގެން ދިޔަ ކަމަކީ ގޭތެރޭގެ ދިރިއުޅުމާއި މަސައްކަތެއް ބެލެންސްކޮށްގެން ގެންގުޅުމަކީ ހިތްރުހިގެން ކުރާކަމަކަށް ވިޔަސް އެއީ ހީކުރެވޭހާ ފަސޭހަކަމެއް ނޫންކަމެވެ. ހަގީގަތަކީ ގޭގައި ތިބެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމެކޭ ހީވިޔަސް މިއީ ވަރަށް ބޮޑު ކުށްހީއެއް ކަމެވެ.

އާއިލާއެއް ބަލަަހައްޓަމުން، ދިރިއުޅުމުގެ އެހެނިހެން ޒިންމާ ހަމަހަމަކުރަމުން މަސައްކަތް ކުރުމަކީ ވަޒީފާއަކަށް އޮފީހަކަށް ދިއުމަށްވުރެ މާ ބުރަ ކަމެކެވެ. ސަބަބަކީ އޮފީހަށް ދިއުމުން އެވަގުތު ހަމައެކަނި މަސައްކަތަށް ސަމާލު ވެވޭނެތީއެވެ. އޭގެ ބަދަލުގައި ގޭތެރޭގެ ކަންތައް ކުރަމުން މަސައްކަތެއް ކުރުމަކީ ދެގުނަ ދަތިކަމެކެވެ.

"އިކޫސްޓިއާރާ"ގެ ހިތްގައިމު ޑިޒައިނަރު، ލާމު ގަމު، މުކުރިމަގު ހުޅިޔަންދޫގެ ޔޫސުފް ރަޝީދާއި ހަމަ އެއަތޮޅު ދަނބިދުއަށް ނިސްބަތްވާ ފާތިމަތު ޚަދީޖާއަށް ލިބުނު 5 ދަރިންގެ ތެރެއިން އެންމެ ދޮށްޓަށް އިން ހައްވާ އިރުޝާ އަކީ މިދަންނަވާފަދަ ފަރާތެކެވެ. އޭނާގެ އާއިލާއާއި ގޭތެރޭގެ ދިރިއުޅުމާއި ކުރާ މަސައްކަތް ހަމަހަމަކޮށް ބެލެންސް ކުރަމުން އަދު އެދަނީ "ހުނަރުވެރިކަމުގެ މައިދާނުގައި" ގަދަފަދައަށް ފައިތިލަ ސާބިތު ކުރަމުންނެވެ.

ކަވި އަދި އުނދަގޫ މަސައްކަތެއް ނަމަވެސް ކުރާހިތުން ކުރާނަމަ އެކަމެއް ފަސޭހަ ވުމަކީ ބަލަން ތިބޭ މީހުންނަށް އެ ހީކުރެވޭ "ކަވި، ބުރަ" ފަސޭހަކޮށްލަދޭ ކަމެކެވެ. މިނާ ބޭނުންކޮށްގެން ގައިގައި އަޅާ ގަހަނާ ތައްޔާރުކުރުމާއި ކަރުދާހުންނާއި ފޮތިން ތަކެތި ހެދުމަށް އިރޫ ފެށީ "ހޮބީ"އެއްގެ ގޮތުގައެެވެ.

ކުޑައިރުއްސުރެ ކްރިއޭޓިވް އެކި ކަންކަމަށް ނުހަނު ޝައުގުވެރިކަން ހުންނަ އިރޫ އޭނާގެ މި ހިތްގައިމު ހުނަރާ ބެހޭ ގޮތުން ހަލި ނޫހަށް މައުލޫމާތު ދެމުން ބުނީ އެއީ އެންމެ ކުޑައިރުވެސް ރަހްމަތްތެރި އަކަށް ހަދިޔާއެއް ދޭންވިޔަސް އަބަދުވެސް އަތުން އެއްޗެއް ހަދާފައި ދިނުމަށް އިސްކަން ދޭ ކަމަށެވެ.

އިރޫ މިފަދަ ތަކެތި ތައްޔާރު ކުރަން ކުޑައިރުވެސް އެއްވެސް ވަރަކަށް ފަހާފޮށި ބޭނުން ނުކުރެއެވެ. މިއަދު ނުހަނު ހިތްގައިމު ފަރުމާތަކަށް ދަބަސްތައް ފަހައި ތައްޔާރު ކުރާ އިރޫ އަލަށްވެސް ފަހާފޮށްޓެއްގައި އަތްލީ އުމުރުން އަށާރަ އަަހަރު ވީފަހުންނެވެ. އެއީ އޭނާގެ އަބަދުގެވެސް ހިތްހަމަޖެހުން "ދަބަސްގެންގުޅޭހިތްވުމުގެ" ތެރެއިން ކުރެވުނު ކަމެކެވެ. އެދުވަހުު އޭނާ ދަބަހެއް ތައްޔާރުކުރިއެެވެ. އެއީ އިރޫ ފަހާފޮށްޓެއްގައި އަތްލި ފުރަތަމަ ފަހަރު ކަމަށްވިޔަސް އޭގެއިން އޭނަގެ ފޮރުވިފައިވާ ހުނަރު ހާމަވެގެން ދިޔަކަމީ ހަގީގަތެކެވެ.

"އަމިއްލަ އަތުން އެއްޗެއް ހަދާފައި ދިނުމަކީ ވަރަށް ހާއްސަ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ޖަމާލުއްދީން ސްކޫލު، އިމާދުއްދީން ސްކޫލް، އަމީނިއްޔާ ސުކޫލް އަދި ސީއެޗްއެސްސީ އިން ތައުލީމު ހާސިލު ކޮށްފައިވާ އިރޫ ބުންޏެވެ.

ދަބަސް ފަހަން ޖެހުނީވެސް ދަތުރަކު ދާންވެގެން ހިނގާހިނގާ ރަނގަޅު، ހިތްހަމަޖެހޭ ވަރުގެ ދަބަހެއް ނުފެނުމުންނެވެ. ކަނޑަން، ފަހަން ނޭނގޭ އިރޫ އޭނާ ބޭނުންވާ ފަރުމާއަކަށް ދަބަހެއް ކެނޑީ މަންމަގެ އެހީގައި ކޮއްކޮއާ ބައިވެރިވެގެންނެވެ. ބޭނުންވި ވައްތަރަކަށް ދަބަސް ނުފެހުން ވީ އެކަން ކުރަން ހިތް ޖެއްސި ކަމަކަށެވެ. ކަނޑަންވެސް ނޭނގުމާއި ފަހާފޮށި މެޝިނުގެ އެއްވެސްކަމެއް ނޭނގުމުން އިރޫއަށް އެކަން ވީ އެހާ ފަސޭހަ ނޫންކަމަކަށެވެ. އެކަމަކު ކަމެއް ކުރާ ހިތްޖެހުމަކީ ދުވަހަކު ނޭނގޭނެހެން ހީވާ ކަމެއްވެސް އިސާހިތަކު ފަސޭހަވެގެންދާ ކަމެކެވެ.

"ކުޑައިރު އާއްމުކޮށް ހަދާއުޅެނީ މިނަލުން އަތުގައަޅާ އެއްޗެއްސާއި ކަރުދާހުން ހަދާ އެކި ކަހަލަ ކްރިއޭޓިވް އެއްޗެހި. ފަހަން ފެށީ 18 އަހަރުވެސް ވީފަހުން. އޭގެ ކުރިން ދުވަހަކު ވެސް ފަހާފޮށްޓެއް ބޭނުމެއް ނުކުރަން. އަދި ފަހަން ޝައުގުވެރިކަމެއްވެސް ނުހުރޭ. ނަމަވެސް އެކި ކަހަލަ ދަބަސް ގެންގުޅެން ވަރަށް ލޯބިކުރަން. އެއްފަހަރަކު ދަތުރު ދާންވެގެން ދެބަހެއް ގަންނަން ހިނގާ ހިނގާ ހިތްހަމަޖެހޭ ދަބަހަކާ ދިމާނުވެގެން ހިތައް އެރީ ދަބަހެއް ހަދަންވީއޭ. އޭރު ނޭނގޭ ކަނޑަކަށް ވެސް. ދަބަސް ކެނޑީ މަންމަގެ އެހީގަ އަންހެން ކޮއްކޮއާއި ދެމީހުންވެގެން. އެދަބަސް އެހާ ހިތްހަމަ ޖެހޭގޮތަކަށް ނުފެހުނު. އެކަމަކު އެކަން ވި ވަރަށް ކުރާހިތްވާ ކަމަކަށް. ފަހަން ވެސް ކަނޑަންވެސް ނޭނގޭތީ ފުރަތަމަ ވަރަށް އުނދަގޫވި. އޭރު ފަހަނީ މަންމަ ކައިރީ އަހައިގެން،" އިރޫ ކިޔައިދިނެވެ.

ކަމުގެ އަސްލު ފޯރީގައި ފެށުނީ ފިރިމީހާގެ ބައްފަ 2008 ވަނަ އަހަރު ހަދިޔާއަކަށް ގަނެގެން ގެނެސްދިން ފަހާފޮށިން ފަހަން ފެށުމުންނެވެ. މައިދައިތަގެ ހުނަރުވެރި ފެހުންތެރިކަމުގެ ތެރެއިންލާފައި އިރޫގެ މި ހުނަރުވެރި މަސައްކަތް ފިރުކެމުންގޮސް ބާރުމިނުގައި ހިނގައިގަތީއެވެ.

2008 ގަ ހަދިޔާއަކަށް ފިރިމީހާގެ ބައްޕަ ގަނެދިން ފަހާފޮށްޓެއް. އޭގެ ފަހުން ގިނައިން ފަހަން ފެށުނީ. ފިރިމީހާގެ މަންމައަކީ ވަރަށް ރީތިކޮށް ފަހާއުޅުނު މީހެއް. ފެހުމުގެ ގިނަ ހުނަރުތައް ފިރިމީހާގެ މަންމަ ގެ ފަރާތުން ވެސް ދަސްވި.

2010 ގަ ފުރަތަމަ ދަރިފުޅު އިރޫއަށް ލިބުނުއިރު އޭނާގެ ރަސްމީ ވަޒީފާ އޮތީ ރައީސް އޮފީހުގައެވެ. އެހެންނަމަވެސް އޮފީހުން ކެނޑިގެން ގޭގަ ހުރިއިރު އަމިއްލަ މަސައްކަތެއް ކުރުމުގެ ބޭނުމުގަ ދަބަސް ތައްޔާރު ކުރަން ފެށްޓީއެވެ. ދަބަހުގެ އިތުރުން ޕެންސިލް ރޯލާއި ފޮތް ކަވަރު އަދި ތަޅުދަނޑީގައި ލައްވާ އެއްޗެހިވެސް މިހާރު އިރޫ ތައްޔާރު ކުރެއެވެ.

އިރޫއަށް އޭނާގެ މި ހިތްގައިމު އަދި "ކަވި" ހުނަރުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަބަސް ގަންނަ ފަރާތްތަކުން ލިބޭ ލޯބިލޯބި ބަސްތަކެވެ. އޭނާގެ މަސައްކަތްތަައް ފޭސްބުކްގައާއި އިންސްޓަގްރާމް ގައި ހިއްސާކުރެއެވެ. އަދި ނަތީޖާއަކީ އޭނާގެ މިމަސައްކަތް މީހުން ބަލައިގަންނަވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިރޫ ވަނީ ދަބަސް ހަދައިދީފައެވެ.

ކޮންމެ ކަމެއް ކުރުމުގަައިވެސް ލިބޭ އެހީތެރިކަމާއި އެއްބާރުލުމަކީ އެކަމެއް ކުރިއަރައި ކާމިޔާބުވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. އިރޫގެ މި ނަލަނަލަ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން ދަނީ އޭނާގެ އަލަތުފިރިމީހާގެ ފަރާތުންނެވެ. ފޮތި ގަނެގެން ގެނެސްދިނުމާ ހަމައިން ދަބަސްތައް ޑެލިވަރީ ކުރުމާ ހަމައަށްވެސް ފިރިމީހާގެ އެހީތެރިކަން ލިބެއެވެ. ދެން އެންމެ ގާތުގައި ތިބެނީ އިރޫގެ ދެކުދިންނެވެ. އެކުދިން މަންމަގެ މަސައްކަތަށް ފާޑުކިޔައި ތައުރީފު ކުރުމަށް އެންމެ ގާތުގައި އަބަދުވެސް ތިބެއެވެ. އެހެންކަމުން އިރޫގެ ކޮންމެ ދަބަހަކަށްވެސް ފާޑު ކިޔައި ގޮތްކިޔައި ރީއްޗޭ ބުނެތައުރީފު ކުރާ ފުރަތަމަ ފަރާތަކީ އެ ދެކުދިންނެވެ.

"މިކަމުގައި އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ އަޅުގަނޑުގެ ފިރިމީހާ އަފޫ. ފޮތި ގަތުމާއި ދަބަސް ޑެލިވަރީ ކޮށްދެނީވެސް އަފޫ. ދެން އަޅުގަނޑުގެ ދެކުދިން. ކޮންމެ އެއްޗެއް ފެހިޔަސް އެކަމާ ވަރަށް އެކްސައިޓެޑްވާނެ ދެކުދިންވެސް. އެއަށްފަހު އަޅުގަނޑު ގެ މައިންބަފައިން އަދި ކޮއްކޮމެން،" އިރޫ އޭނާގެ މި މަސައްކަތުގެ އެހީތެރިންނާ ބެހޭ ގޮތުން ކިޔައިދެމުން ބުންޏެވެ.

މީގެ ފަހަށް ދެން އަންނަނީ އިރޫގެ މައިންބަފައިންނާއި ކޮއްކޮމެންނެވެ. ދަބަސް ހަދަން ބޭނުންކުރާ ބައެއް އެއްޗެހި ރާއްޖެ އިން ނުލިބޭތީ އެއެއްޗެހި ރާއްޖެއިން ބޭރުން ގެނެސްދީ ހަދަނި އިރޫގެ ލޯބިވާ ބައްޕައެވެ. މީގެ އިތުރުން މި މަސައްކަތުގައި އިރޫއަށް އޭނާއާ ދެބެންގެ ދެދަރި ކުދިންނާއި އެންމެ ގާތް ލޮބުވެތި ރަހްމަތްތެރިޔާ "ނާޒިމާ"ގެ ހާއްސަ އެހީތެރިކަން ނުހަނުބޮޑަށް ލިބެއެވެ.

https://www.instagram.com/eekustiara/?hl=en

"އަޅުގަނޑުގެ ފިރިމީހާގެ މައިންބަފައިން ދުނިޔޭގައި އެދެމަފިރިންވެސް އަޅުގަނޑަށް މިކަމުގައި ވަރަށް އެހީތެރިވެދިން. އަޅުގަނޑަށް މި މަސައްކަތުގައި ލިބިފައިވާ ކުރިއެރުމެއް ލިބިފައިވަނީ الله ސުބުހާނަހޫ ވަތައާލާގެ ހެޔޮ މިންވަރު ފުޅާއި އަޅުގަނޑަށް އެހީވެދިން އެންމެންގެ އެއްބާރުލުމާއި އެކު،" އިރޫ ވާހަކަ ނިންމާލީ އޭނާއަށް އެހީތެރިވެ އެއްބާރުލުން ދޭ ހުރިހާ އެންމެންނަށާއި އޭނާގެ ކަސްޓަމަރުންނަށް ހިތުގެ އަޑިން ދިން ޝުކުރަކުންނެވެ.

ކޮންމެއަކަސް މިޒުވާން ހުނަރުވެރި އަންހެންކަނބަލަށް "ހަލި" ނޫހުގެ ފަރާތުން ސެލިއުޓް ނެގުމަކާއެކު ފާގަތި ފަހިފެހި މުސްތަގްބަލަކަށް އެދެމެވެ.