އިސްތިއުމާރީ ޒަޔަނިސްޓް އިޒްރޭލުން އަސްކަރީ ޓޭންކަރުތަކުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތައް ވަށާލައިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ސަހްޔޫނީ ސިފައިން ޓޭންކަރުތަކާއެކު ވަށާލާފައިވާ ހޮސްޕިޓަލްތަކަކީ އަލް ގުދުސް ހޮސްޕިޓަލް، އަލް ޝިޕާ ހޮސްޕިޓަލް، އިންޑޮނޭޝިޔަން ހޮސްޕިޓަލްއެވެ. މީގެ އިތުރުން ޣައްޒާގައި ހިންގާ ކުޑަކުދިންގެ ހޮސްޕިޓަލެއްގެ ބޭރުގައިވެސް އިޒްރޭލުގެ ޓޭންކަރުތަކެއް އަތުރާފައިވާ ކަމަށް ފަަަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ އަލް ގުދުސް ހޮސްޕިޓަލް ބޭރުގައި މުޖާހިދުންނާއި ޒަޔަނިސްޓް ބާރުތަކާ ހަމަލާތައް ބަދަލު ކުރަމުން އަންނަ ކަމަށެވެ. އަދި ޒަޔަނިސްޓް ސްނައިޕަރަކު ދިން ހަމަލާއެއްގެ ސަބަބުން ފަލަސްތީނުގެ އާންމުންގެ މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިޒްރޭލުން ގެންދަނީ ޣައްޒާގެ އިތުރުގައި ތިބި ރައްޔިތުން ދެކުނު ޣައްޒާއަށް ބަދަލުވާން އަންގައި، ބަދަލުވުމަށް ދަތުރު ފަށައިގެން ތިބި އާންމު ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާދެމުންނެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ޖަރީމާގައި މިހާތަނަށް ފަލަސްތީނުން 11،000 އެއްހައި އާންމު ރައްޔިތުން އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ އެހީގައި އިޒްރޭލުން ހިންގަމުން އަންނަ އަނިޔާވެރިކަން ހުއްޓުވުމުގައި އަރަބި އިސްލާމީ ޤައުމުތަކާއި އދ. ވަނީ މިހާތަނަށް ފެއިލްވެފައިކަން ފާހަގަ ކޮށްލެވެއެވެ.