ހިޔާލު ތަފާތު ވުން ހުރުމާއެކުވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެމީހުންގެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެކަން މި ވޭތުވެދިޔަ ފަސް އަހަރު ކަށަވަރުކޮށްދީފިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
55 ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް، އިބްރާހީމް މުހައްމަދު ސާލިހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ މީގެ ފަސްއަހަރު ކުރިން ގައުމު އޮތް ހާލަތާ މިއަދު އޮތް ހާލަތާ ތަފާތު ކުރެވިއްޖެ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައުމު އޮތް ހާލަތު ބަދަލު ކުރެވިއްޖެ ކަމަށެެވެ. ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެމީހުންގެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެކަން
ރައީސް ސާލިހު މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަން ފަށްޓަވާފައިވަނީ އަމިއްލަ ވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މިދައުލަތުގެ ކީރިތިކަމާއިމޫރިތިކަންބޮޑު ކަމަށާއި އެންމެ ހިނދުކޮޅަކަށްވެސް މިވޭތުވެދިޔަ 55 އަހަރު މިގައުމުން ފިލާނުދާކަން ފާހަގަކުރައްވައި އަންނަން އޮތް ކިތަންމެ 55 އަހަރަށް ދުނިޔެ އުމުރަށް މިނަސީބުގައި ދިވެހިން ވުމަށް ދުއާ ކުރަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު މީގެ ފަސްއަހަރު ކުރި މިމަގާމަށް އިންތިހާބުކުރިއިރު އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ.
"ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުން، ސަރުކާރާ ހިޔާލުތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމެއް ގެނައުން ރައްޔިތުން އަޅުގަނޑާ ހަވާލު ކުރީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމަށް ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް،
ރައްޔިތުން މިމަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް، ނުލިބި ހުރި އަސާސީ ހިދުމަތްތައް ޑިމޮކްރަސީއާއި އިންސާނީ ކަރާމަތާއި މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް." ރައީސް ވިދާޅުވިއެވެ.
އޭރުގެ ބިރުވެރި ހާލަތު ފިލާގޮސް މަގުތަކުގެ އަމާންކަން އިހްސާސްވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަދު ހިޔާލު ތަފާތުވެ ހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެމީހުންގެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެކަން ފަސްއަަހަރު ކަށަވަރުކޮށްދީފިކަމަށެވެ.