ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިދައުރުގެ ތެރޭގައި އިސްކަންދެއްވި އެންމެ މުހިންމު އެއްކަމަކީ ރަށްރަށުގެ ބިން އިތުރުކުރެއްވުން ކަމުގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމަށް އަލިއަޅުވާލައްވައި ވިދާޅުވީ މާލެއާ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލު ހޯދުމަށް، މި ފަސްއަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ.

މިގޮތުން މާލެއަށް އޮތް ހައްލެއްކަމުގައި ހޯދިފައިވާ ހައްލަކީ ހުޅުމާލެ ފޭސް ތިނަކާ ގުޅީފަޅާ ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މާލޭގެ ރައްޔިތުންނަށް ދޫކުރާ 9031 ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން، 6500 ވުރެ ގިނަ ފަރާތަށް ގޯތީގެ ލިއުން ހަވާލުކުރެވިފައިވާ ކަންވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ރަައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް، މާލެ ސަރަހައްދުގައި 7700 ފްލެޓް އަދި އަތޮޅުތަކުގައި 2732 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނުކަމަށެވެ.