ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިކަމަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރާއްޖޭގެ ފަންސާސްފަސްވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރައީސްކަމުގެ މަގާމަށް އިންތިޚާބު ކުރިއިރު އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލައި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް ކަމަށް ކަމަށެވެ.
ހަމައެހެންމެ ރައްޔިތުން މި މަސްއޫލިއްޔަތު އެމަނިކުފާނ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށް ކަމަށާއި ޑިމޮކްރަސީ އާއި އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާޙައުލު ރާއްޖެއަށް ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސްއަހަރު ގައުމުގެ ހާލަތު އޭގެ ކުރިއާ މުޅިން ތަފާތުކަންބޮޑުކޮށް ބަދަލުކުރެވިއްޖެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން ކަމަށާއި އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން ކަމަށެވެ.m