އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް ފްރާންސްގެ ރައީސް އިމާންޔޫއެލް މެކްރޮން ޒަަޔަނިސްޓު ސަރުކާރަށް ގޮވާލައިފިއެވެ.
މެކްރޮން ބީބީސީއަށް ދެއްވި އިންޓާރވިއު އެއްގައި ވިދާޅުވެފައިވަނީ އިޒްރޭލުން ޣައްޒާއަށް ބޮންއެޅުން ހުއްޓާލަން ޖެހޭ ކަމަށާއި އަދި އިޒްރޭލުން ބޮންއެޅުން ހުއްޓާލައިފިނަމަ އެކަމުންފައިދާ ކުރާނީ އިޒްރޭލަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ތުއްތު ކުދިންނާއި އަންހެނުން އަދި މުސްކުޅިން މި މަރުވަނީ އެއްވެސް ސަބަބަކާ ނުލައި، އެހެންވެ އަހަރުމެން ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމަށް ގޮވާލަން" މެކްރޮން ވިދާޅުވިއެވެ. އެހެން ގައުމުން ތަކުން ވެސް ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމަށް ގޮވާލަން އެދޭތޯ ސުވާލު ކުރެވުމުން މެކްރޮން ވިދާޅުވެފައިވަނީ އެމަނިކުފާނު އުއްމީދު ކުރައްވަނީ އެހެން ގައުމުތަކުން ވެސް އެކަމަށް ގޮވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން މެކްރޮން ވިދާޅުވެފައިވަނީ ހަމާސް ގެ އަމަލުތައް ވެސް ފްރާންސް އިން ކުއްވެރިކުރާ ކަމަށާއި އަދި އިޒްރޭލުން އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ވެސް ލިބިގެންވާ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމަކާއި ލައިގެން ވެސް ޣައްޒާއަށް ބޮންއެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މީގެ ކުރިން އދ ގެ ސެކިއުރެޓީ ކައުންސިލުގައި ރަޝިޔާއިން ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމަށް ހުށައެޅި ގަރާރު ވީތޯކުރި އެއް ގައުމަކީ ވެސް ފްރާންސްއެވެ. ނަމަވެސް މިހާރު ފްރާންސް އިން ގޮވާލަމުން ދަނީ ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމަށެވެ.
ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާރު 10000 އަށް ވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.