މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް އެމަނިކުފާނަށް ރައްދު ކުރަން ހަވާލުވެ ވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫން ކަމަށާއި، އެ ފައިސާ މައުމޫނަށް ނުލިބޭ ކަމަށް ވިދާޅުވާތީ، އެ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ބުނެ ފާރިސްގެ މައްސަލަ ބަލައިދޭން ޖާބިރުގެ އަނބި ކަނބަލުން ފާތުމަތު ދިޔާނާ ސައީދު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެ ފައިސާ އަނބުރާ ހޯދުމަށް ޖާބިރު ވަނީ މީގެކުރިން ސިވިލް ކޯޓުގައި ވެސް ދައުވާ ކުރައްވާފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ނުނިމެ އެވެ.
އެކަމާ ގުޅިގެން، ދިޔާނާ ވިދާޅުވީ މައުމޫން ޖާބިރު އަތުން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑުބައެއް ޖާބިރުގެ އެދިވަޑައިގަތުމަށް ފާރިސްއާ ހަވާލުކުރީ ސީދާ އޭނާ ކަމަށެވެ.
އެގޮތުން، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން ވިދާޅުވި ގޮތުގެ މަތިން، ދަރިކަލުން ފާރިސް މައުމޫންނާ ހަވާލު ކުރެއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އަދި އެ ފައިސާ ހަވާލު ކުރުމުގެ ކުރިން، މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.
ނަމަވެސް، އެގޭގެ ރަޖިސްޓްރީ ޖާބިރު ނަންގަވާފައިނުވާ ކަމަށާއި ސަބަބަކީ ގެރެންޓީއެއްގެ ގޮތުގައި މައުމޫންގެ ބަސްފުޅު ފުދޭ ކަމަށް ޖާބިރު ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ޖާބިރު ދެއްވި ފައިސާ މައުމޫނަށް ލިބިވަޑައި ނުގަންނަވާނަމަ، އެ ފައިސާއަށް ހިޔާނަތްތެރިވެފައި ވަނީ ފާރިސް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
އެ މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުމަށް ވެސް ދިޔާނާ ވަނީ އެދިވަޑައިގެންފަ އެވެ.