ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ އަލް ޝިފާގައި އެޑުމިޓްކޮށްގެން ފަރުވާދެމުން ދިޔަ ކުދީންގެ ތެރެއިން 39 ކުއްޖަކު ޝަހީދު ވެއްޖެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓަރު މައި އަލް ކައިލާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްްްގައި އޭނާ ވިދާޅުވީ މި ކުދިން ޝަހީދު ވެފައިވަނީ އަލް ޝިފާ ހޮސްޕިޓަލުގެ އިންޓޭންސިވް ކެއާރ ޔުނިޓުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ކުދީން ޝަހީދުވެފައިވަނީ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮކްސިޖަން ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަލް ޝިފާ ހޮސްޕިޓަލުގައި އެތެރޭގައި ހަރަކާތްތެރިވަމުން އަންނަ މީޑިއާތަކުން މައުލޫމާތުދޭ ގޮތުން މިހާރު އެ ހޮސްޕިޓަލު ވަނީ އިޒްރޭލުންގެ ސިފައިން ވަށާލައިފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި ހުރިނަމަަ ހުރި ކާބޯތަކެއްޗެއް ވަނީ ހުސްވެފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ހޮސްޕިޓަލުން ވަނީ މުވާމަލާތީ ޚިދުމަތްވެސް ކެނޑިފައެވެ.

ހޮސްޕިޓަލު މިހާލަތަށް ވެއްޓިފައިވާ އިރުވެސް ހޮސްޕިޓަލުގައި ޣައްޒާގެ އެތައް ހާސް ރައްޔިތުން އެބަތިއްބެވެ. މީގެ ތެރޭގައި ޒަހަމް ވެފައި ތިބި މީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ވެސް ހިމެނެއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މިހާރު ޣައްޒާގައި ޝަހީދުވި މުސްލިމުންގެ އަދަދު ވަނީ 10000 އަށް ވުރެ މަތީގައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.