"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި އިއުލާން ކޮށްފައިވާ 4،000 ފްލެޓްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ހަތް ހާހަށްވުރެ ގިނަ ޝަކުވާ ހުށައަޅަފައިވާކަަމށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ޝަކުވާއަށް ހުޅުވާލީ ރޭ މެންދަމު ބާރަ ޖެހުމާ ހަމައަށެވެ. މީގެ ކުރިން މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައި އޮތީ މިމަހުގެ 9 ވަނަ ހަވީރު 4:00 އާހަމައަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ރޭ ބާރަ ޖެހުމާ ހަމައަށް އޮތީ މުއްދަތު އިތުރުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މުއްދަތުގައި 7400 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަަމަށެވެ. އަދި އެ ޝަކުވާތައް ބެލުމުގެ މަސައްކަތްކުރާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހުށައެޅިފައިވާ ޝަކުވާތަކުގެ ތަފްސީލެއް ނުދެއެވެ.

ސަރުކާރުގެ ގެދޮރިވެރިޔާ ސްކީމުން ފުރަތަމަ ބުރުގައި ދޫކުރި 4،000 ފްލެޓް ލިސްޓު އާންމުކުރިއިރު، ފްލެޓް ދުކޮށްފައިވަނީ އިންސާފުން ނޫންކަމަށްބުނެ ޝަކުވާތަކާއެކު ގިނަ ބަޔަކު ވަނީ އޭސީސީއަށް ޕެޓިޝަންވެސް ހުށަހަޅާފައެވެ.

އެފަރާތްތަކުން ބުނެފައިވަނީ ފްލެޓް ދިނުމުގައި ޕޮއިންޓް ދިފައިވަނީ އޮޅުވާލައިގެން ކަމަށާއި، ހައްގުވާ އެތައް ބަޔަކަށް ފްލެޓް ލިބިފައި ނުވާކަމުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ގެދޮރުވެރިޔާ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ބޭއިންސާފުން ވަކި ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު ދަނީ އެކަމާ މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށް އެ މައްސަލަތައް ބަލަން ގޮވާލަމުންނެވެ. ވަކި ބަޔަކަށް ފްލެޓް ދޭން މަސައްކަތްކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު، ފްލެޓު ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުންވެސް ވަނީ އެދިފައެވެ.