ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމުގެ ތިރީސް އަހަރުގެ ދިގުވެރިކަމުގައި ތަރައްގީގެ މަގުގައި ހާސިލް ކުރެވިފައިވާ ކަންކަން ހާސިލް ކުރެވުނީ ﷲ ދެއްވި މަތިވެރި ނިޢުމަތުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މިއަދަކީ މީގެ 45 އަހަރު ކުރިން، އެމަނިކުފާނު ގައުމާއި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމުގެ ވަރަށް ޚާއްޞަ ދަތުރެއް ފެށްޓެވި ދުވަސް ކަމަށެވެ. އެދަތުރު އެމަނިކުފާނު ފެށްޓެވީ 1978 ވަނަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހު ރައީސް ކަމުގެ ހުވައި ކުރެއްވި ހިސާބުންނެވެ.

އެދުވަހުން ފެށިގެން 30 އަހަރު ދުވަހު އެމަނިކުފާނު ވަނީ ރާއްޖޭގައި ވެރިކަން ކުރައްވައިފައެވެ. އެ މުއްދަތުގައި "ދިވެހި ގައުމަށާއި ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުން ތަކާއި ތަރައްގީ ޙާސިލުކުރެވުނީ، اللّه سبحانه وتعالـى އަޅުގަނޑަށް މަގު ދައްކަވައި، އަޅުގަނޑުގެ މައްޗަށް ލެއްވި އެކަނލާގެ ހެޔޮ ރަޙްމަތްފުޅުންނެވެ. އަދި އަޅުގަނޑަށް އެކަނލާގެ ދެއްވި މަތިވެރި ތައުފީޤުންނެވެ. ހަމަ އެހެންމެ، އަޅުގަނޑުގެ ޢާއިލާ އާއި ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑަށް ދެއްވި މަތިވެރި ހިތްވަރާއި އިތުބާރުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝައުޤުވެރި ކަމެއްގެ ބޮޑު ކަމުންނެވެ."

އެ މުއްދަތުގެ ތެރޭގައި ޙާސިލު ކުރެވުނު ތަރައްގީގެ ލަނޑު ދަނޑިތައް ޙާސިލު ކުރުމުގައި ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިން ދެއްވި އެހީތެރިކަމާއި އެއްބާރު ލެއްވުމުގެ އަގު ޝުކުރުވެރި ހިތަކުން އިޚްލާޞްތެރިކަމާއެކު ވަޒަން ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަދިވެސް އެދިވަޑައިގަންނަވަނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އިތުރު ތަރައްގީއާއި ކުރިއެރުން ކަމަށެވެ.

އަމިއްލަ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކުގައި ތަރައްޤީގެ އިތުރު ލަނޑު ދަނޑިތަކެއް ޙާސިލު ވެގެން ދާތަން ފެނިގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.