އަރަބި-އިސްލާމީ ގައުމުތަކުން އިޒްރޭލާ އިގްތިިސާދީ ގުޅުންތައް ކަނޑާލުމަށް އިރާނުގެ ރައީސް އިބްރާހީމް ރައީސީ ގޮވައިލައިފިއެވެ.
މިއީ އެމެރިކާއާއި އިސްރާއީލުން ޣައްޒާގައި ހިނގާ ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ގޮވާލެއްވި ގޮވާލުމެކެވެ.
'އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުން (އިޒްރޭލް) ޣައްޒާއަށް ބޮން އެޅުން ހުއްޓުވުމަށް ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަން ޖެހޭނެ،' ވެސް ރައީސީ ވިދާޅުވި އެވެ. ރައީސީ މިހެން ވިދާޅުވީ ރިޔާދުގައި ބޭއްވި ލީގް އޮފް އަރަބް ސްޓޭޓްސް (އެލްއޭއެސް) އާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޖޮއިންޓް ސަމިޓެގައެވެ.
'އިސްލާމީ ގައުމުތަކުން ޒަޔަނިސްޓް ވެރިކަމާ އެކު އޮތް ހުރިހާ ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ނިންމާލުން މުހިންމު. މި ގޮތުން ޒަޔަނިސްޓުންނާއި އެކު ވިޔަފާރި ކުރުން ހުއްޓާލާ، [އިސްރާއީލަށް] ތެޔޮ މަނާކުރުމަކީ އިސްކަން ދޭންޖެހޭ ކަންކަން،' ރައީސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ސީރިއާގެ ރައީސް ބައްޝާރު އަސަދު ވަނީ އިސްލާމީ ގައުމުތަކުން އިޒްރޭލާ ގުޅުން ކުޑަކުރުމަށް ގޮވާލައްވާފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާރު 10000 އަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެއެވެ.