ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއާއި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން ޢަފީފު, މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާާޒާއި ސުލޫކު ކޮމިޓީއިން ނިންމައިފިއެވެ.

އެމްޑީޕީގެ މެންބަރުން އެ ކޮމިޓީއަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމެވުމުންނެވެ. ނަޝީދު ވަކިކުރުމުގެ މައްސަލާގައި މިއަދު ދެ ޖަލްސާއެއް ބޭއްވިއެވެ.

މީގެއިތުރުން އީވާ ސަލާމުގައި ހުންނެވުމުން ހެނދުނުގައި އޮތް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އަފީފެވެ. ނަމަވެސް ޑިމޮކްރެޓްސްގެ މެންބަރުން ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ އަފީފް ވަނީ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ ގަރާރު އަލުން ހުށަހެޅުމަށް އަންގަވައިފައެވެ.

އަދި އޭގެފަހުން 11:30 ގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އީވާއެވެ. ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޢަފީފް ނިންމަވާފައިވާތީ އީވާ ވެސް ވަނީ މިއީ ރިޔާސަތުން ގޮތެއް ނިންމާފައި އޮތް ގަރާރެއް ކަމަށް ވިދާޅުވެ ގަރާރު ކުރިއަށް ނުގެންދެވޭނެކަން އަންގަވައި ޖަލްސާ ނިންމަވައިލައްވާފައެވެ.

އެމްޑީޕީއިން ކޮމިޓީއަށް ހުށަހެޅި މައްސަލާގައި މި ކަންކަމާ ގުޅިގެން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އީވާއާއި ޢަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށެވެ. އަދި އީވާއާއި ޢަފީފް ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކަށް ނަޝީދުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.