އިޒްރޭލުގެ ހައްދެއްނެތް ލާއިންސާނީ އަނިޔާވެރިކަމުން ހަނާވެ ފަނާވަމުންދާ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށްޓަކައި ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން އަޑުއުފުލުމަށް މިރޭ ނުވައެއް ޖަހާއިރު ގޭގޭގެ ދޮރުމައްޗަށް ނުކުތުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައިފިއެވެ.

"ހަލި"ނޫހަށް މައުލޫމާތު ދެމުން މި ޒުވާނުން ހާމަކުރި ގޮތުގައި މިއީ ދިވެހިން އަދިވެސް މި ތިބީ ފަލަސްތީއާއެކުކަން ހާމަކުރުމަށްޓަކައި މިރޭ 9 ޖަހާއިރު ހުރިހާ ބޭފުޅުން އާއިލާ ޔާ އެކު އެމީހުންގެ ގޭ ދޮށު ކުރިމައްޗަ ފަލަސްތީން ރަމްޒު ކޮއްދޭ ދިދަ އަކާ އެކު ނުކުތުމައް އެދި ދޭ ދައުވަތެކެވެ.

އަދި މުޅި ރާއްޖޭގެ އެކިއެކި ހިސާބުތަކުން އެކި ކަންކޮޅުތަކުން އެއްފަހަރާ އެއް ވަގުތެއްގައި ގޭގެ ދޮރުމައްޗަށް ނުކުމެ އެއްއަޑަކުން ފަލަސްތީނަށްޓަކައި އަޑުއުފުލާލުމުގެ މަގްސަދުގައި ގޮވާލި ގޮވާލުމެކެވެ. އެހެންކަމުން މި ގޮވާލުމަށް އިޖާބަ ދެއްވައި ހުރިހާ ފަރާތްތަކަކުންވެސް ގެތަކުގެ ދޮރާށި މައްޗަށް ފަލަސްތީން ރަމްޒު ކޮއްދޭ ދިދަ އަކާ އެކު ނުކުމެ އަވަށްޓެރިންނާއި ހިސާބުގަނޑުގެ މީހުންނާއި އަވަށްތަކުންނާއި ރަށްތައް ހިމެނޭހެން މުޅި ރާއްޖެ އެކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލުމަކީ މިޒުވާނުންގެ އަދި ފަލަސްތީނަށްޓަކައި އަޑުއުފުލާ އެތައް ބައެެއްގެ ވަރަށްބޮޑު އެދުމެކެވެ.

މި ދައުވަތު ދިންއިރު ވަގުތު ކުޑަވެފައި އޮތްނަމަވެސް މިއީ އުންމަތަށްޓަކައި ހުސްކޮށްލެވޭ ވަގުތުކޮޅަކަށް ހަދައި، އަނިޔާވެރިކަމުގެ ހޫނާއި ވޭނުގައި ނެތިފަނާވަމުންދާ އުންމަތުގެ އަހުންނާއި އުހުތުންނަށްޓަކައި ﷲގެ ހަޟްރަތުގައި ދެއަތްއުފުލައި ދުއާ ދަންނަވައި އެންމެން އެކުގައި އަޑުއުފުލާލުމަށް މިރޭގެ ނުވައެއް ޖަހާއިރު ގޭދޮރުމައްޗަށް ދިދައެއް ހިއްޕަވައިގެން ނުކުމެވަޑައިގަންނަވާށެވެ!

ހުސްކޮށްލެވޭ ކުޑަކުޑަ ހިނދުކޮޅަކީވެސް ސަލާމަތާއި އަމާންކަމަށް ދެވޭ އުންމީދެކެވެ. ހެޔޮނިޔަތުގައި ހޭދަކޮށްލާ ކުޑަވަގުތުކޮޅަކީވެސް ތޫފާނުގެ ވަޔާއެކު ނިވެމުންދާ އެތައް މުސްލިމުންނެއްގެ ޔަގީންކަމުގެ ހުޅުކޮޅު ނިވުނަ ނުދިނުމަށް ދެވޭ ހިޔަލަކެވެ!