ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށިކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ ވީއައިއޭ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުމެން ސަރުކާރުގައި އެންމެ އިސްކަން ދޭނެ އިގްތިސާދީ މަސައްކަތަކަށް ވާނީ. އެހެންވެ، ބަލާލަން މި ތަނަށް މިއައީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ 2024 ގެ އޮކްޓޯބަރާ ހަމައާށްދާ އިރު، މިހާރު ނިމިފައިވާ %54، %100 އަށްވެ އެއާޕޯޓްގެ އެ މަސައްކަތް ނިންމުމަކީ އަޒުމު ކަމަށާއި ބޭނުންފުޅުވާ ގޮތް ކަމަށެވެ. އެއީ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެއްކަންވެސް މުއިއްޒު ފަހަގަ ކުރެއްވިއެވެ.
"އަޅުގަނޑަށް އެނގޭ މައުލޫމާތަކީ މި ކުރެވޭ މަސައްކަތުގެ ތެރެއިން ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވޭ، ދެން އޭގެ ނިޝާންތައް ފެނޭ. އެބޭފުޅުންގެ ސްކޯޕްގައި މަޝްރޫއު ނިންމަން އެބައޮތް 2025 ގެ މެދަކާ ހިސާބުގައި،"
ޓާމިނަލްގެ މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ ބޮޑަށް އަވަސްކުރުމަށް ބޭނުންވާކަމަށް ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ލާދިން ގްރޫޕްގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައް ވެސް އެބަހުރި ކަމަށެވެ. އަދި ތަން ބޭނުން ކުރުމަށްޓަކައި އެ މަސައްކަތްތައް ވެސް ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު ފާހަގަ ކުރެއްވި ދެ މަސައްކަތުގެ ތެރެއިން އެއް މަސައްކަތަކީ މަގު ހެދުމެވެ. މަގު ހަދަން ދިހަ ވަރަކަށް މަސް ދުވަސް ހޭދަވާ އިރު، މިހާރުން މިހާރަށް އެކަން ބަޔަކާ ހަވާލުކޮށްގެން ނޫނީ އެއާޕޯޓު ޓާމިނަލް ނިމެންވާ އިރަށް މަގު ހަދާ ނުނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އޭޕްރަން ބޮޑު ކުރަން ޖެހޭ ކަމަށާއި ޓޫރިސްޓު އެރައިވަލް އޭރިއާ ނިންމަން ވެސް ބަޔަކާ ހަވާލު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ޖެޓް ޓާމިނަލް އަކާއި އެއާޕޯޓް ޕާކިން ވެސް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.
"މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރަލަލްކޮށް މަސައްކަތް ކުރުމާއި އަދި މިކަމަށް ފަންޑިން އަށް ބޭނުންވާ ނަމަ އެކަން ވެސް ހަމަޖެހޭނެ," މުއިއްޒު ވިދާޅުވިއެވެ.