އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވައި ކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިފަހުން އަދި ހުވާ ކުރެއްވުމުގެ ކުރިން ރަސްމީކޮށް ޑރ މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާ ހަމައެކަނި ފަހަރެވެ.

ޑރ މުއިއްޒު ނޫސްވެރިންނާ ބައްދަލުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގައެވެ. މި ބައްދަލުވުމުގައި ޑރ މުއިއްޒު ނޫސްވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ޑރ. މުއިއްޒަކީ ނޫސްވެރިންނާ ގާތް ގުޅުން ބާއްވާ ނޫސްވެރިންނާ ގާތް ބޭފުޅެކެވެ. މިކަން ވަރަށް ބޮޑަށް ޑރ މުއިއްޒުގެ ކެމްޕޭން ތެރޭގައި ފާހަގަވެ ހާމަވެގެންދިޔައެވެ. ޑރ މުއިއްޒު ވަނީ ވަކި މީޑިއާއެއް ތަފާތު ކުރުމެއް ނެތި އިންޓަރވިއު ދެއްވުމާއި، މައުލޫމާތު ފޯރުކޮށް ދެއްވުމުގައި ޚާއްސަ އިސްކަމެއް ދެއްވާފައެވެ.

ނޫސްވެރިންނަކީ ބާރުވެރި، އަދި މިނިވަންކަމާއިއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ޖާގަލިބޭނެ ބަޔަކަށް ހެދުމަށް ވެރިކަމާއި ހަވާލުވެ ވަޑައިގެން މުހިންމު ފިޔަވަޅު ތަކެއް އެޅުއްވުމަށް ޑރ މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ބަޖެޓުން ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައި ނޫސްތަކަށް އޮތް މާލީ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވުމަކީ ޑރ. މުއިއްޒުގެ ވައުދެކެވެ.

ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.