އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މަޝްހޫރު ލިވަޕޫލް 3-0 އިން ބްރެންޓްފޯޑް އަތުން މޮޅުވެ ތާވަލުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލިއިރު، އެސްޓަންވިލާ އާއި ވެސްޓްހޭމްވެސް މޮޅުވެއްޖެއެވެ.

ލިވަޕޫލް 3-1 ބްރެންޓްފޯޑް

ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މިމެޗުގައި ލިވަޕޫލްއިން ކާމިޔާބު ކުރި ތިންލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މިސްރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ސަލާހެވެ. ސަލާހް ލަނޑު ޖެހީ 39 ވަނަ މިނެޓާއި 62 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ފޯވާޑް ޑިއޭގޯ ޖޮޓާއެވެ.

މިމޮޅާއެކު ލިވަޕޫލް ތާވަލުގެ ދެވަނަ މަގާމުގައި އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އާސެނަލްއަށްވެސް އޮތީ 27 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލިވަޕޫލަށް ފައިދާ 17 ލަނޑު އެބައޮތެވެ.

އެސްޓަންވިލާ 3-1 ފުލްހަމް

ކޯޗް އުނައި އެމެރީގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އެސްޓަންވިލާއިން ފުލަމް 3-1 އިން ބަލި ކުރީ ޖޯން މެކްކިން އާއި އޮލީ ވަޓްކިންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެސްޓަންވިލާގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުން 27 ވަނަ މިނެޓުގައި ފުލްހަމްގެ އެންޓޮނީ ރޮބިންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުލްހަމްގެ ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރައުލް ޖިމިނޭޒްއެވެ.

މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި އެސްޓަންވިލާ އޮތީ 25 ޕޮއިންޓާއެކުއެވެ. ފުލްހަމް 12 ޕޮއިންޓާއެކު އޮތީ 16 ވަނައިގައެވެ.

ވެސްޓްހޭމް 3-2 ނޮޓިންހަމް ފޮރެސްޓް

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ތިންވަނަ މިނެޓުގައި ލޫކަސް ޕަކުއެޓާގެ ލަނޑުން ލީޑް ނެގީ ވެސްޓްހޭމުންނެވެ. އެކަމަކު 44 ވަނަ މިނެޓާއި 63 ވަނަ މިނެޓުގައި ލަނޑު ޖަހައިގެން ނޮޓިންހަމް ފޮރެސްޓުން ލީޑް ނެގިއެވެ. އެކަމަކު ވެސްޓްހޭމްގެ ތަޖުރިބާކާރު ދެކުޅުންތެރިން ކަމުގައިވާ ބޮވެން އާއި ސޮސެކުގެ ލަނޑުން އަނެއްކާވެސް ވެސްޓްހޭމްއިން ލީޑް ނަގައި މުހިއްމު ތިން ޕޮއިންޓް ކަށަވަރު ކުރީއެވެ.

މިމޮޅާއެކު ވެސްޓްހޭމް ތާވަލުގެ 9 ވަނައިގައި އޮތީ 17 ޕޮއިންޓާއެކުއެވެ. ފޮރެސްޓް ފަނަރަވަނައިގައި އޮތޯ 13 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުގައި މިވަގުތު ކުޅެމުން ދަނީ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ ފޯރިގަދަ މެޗެވެ. މިވަގުތު 2-1 އިން ކުރީގައި އޮތީ ޗެލްސީއެވެ.