ސަހްޔޫނީ އިޒްރޭލުގެ ޓެރަރިސްޓް އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި ހަމަލާ ދެމުން އަންނަ ފަލަސްތީނުގެ ޣައްޒާގެ "އަލް ޝިފާ ހޮސްޕިޓަލް"ގެ ހާލަތު ވަޒަން ކޮށްލަންވެސް ދައްޗެވެ.
ޝިފާ ހޮސްޕިޓަލްގެ ހެޑް ސާޖަން ޑަކްޓަރ މަރްވާން އަބޫސާދާ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ވަށައިގެން އިޒްރޭލުން ޤަތުލް އާންމު ކުރިއަށް ގެންދާއިރު ގަޑިން ގަޑިޔަށް ހާލަތު އިތުރަށް ދަނީ ނިކަމެތިވަމުންނެވެ.
“އަލްޝިފާ ހޮސްޕިޓަލުގެ ވަށައިގެން ކޮންމެ ސިކުންތެއްގައި ބަޑިޖެހުމާއި ބޮމުގެ ހަމަލާތައް އަޑުއިވޭ. ހޮސްޕިޓަލުން ބޭރަށް އެއްވެސް މީހަކަށް ނިކުމެވޭކަށް ނެތް. އެއްވެސް މީހަކަށް ހޮސްޕިޓަލަށް ވަދެވޭކަށް ނެތް. ހޮސްޕިޓަލް ހުސްކުރަން އިޒްރޭލު ސިފައިން އެންގުމުން، ހޮސްޕިޓަލުން ނިކުންނަން އުޅުނު މީހުންގެ ގަޔަށް މަގުމަތީގައި ޔަހޫދީ ސިފައިން ބަޑިޖެހި. މީގެ ސަބަބުން ބައެއް މީހުން މަރުވި އަދި ބައެއް މީހުން ޒަޚަމްވި،” އަލްޖަޒީރާއަށް އަބޫސާދާ ވިދާޅުވިއެވެ.
“މިތަނުގައި (އަލް ޝިފާ ހޮސްޕިޓަލް) ކަރަންޓެއް ނެތް، ފެނެއް ނެތް، ކާއެއްޗެއްވެސް ނެތް. އަޅުގަނޑުމެންގެ ތެރޭގައި މަރުވެފައިވާ ވަރަށް ގިނަ މީހުން އެބަތިބި. އެމީހުންގެ ހަށިގަނޑު ވަޅުލަން އަޅުގަނޑުމެން ބޭނުން. އެކަމަކު އެއީ މާ ނުރައްކާތެރި ކަމެއް ކަމަށް މިބުނަނީ އެކަމާ ހިތާމަކުރާ ހާލު. މަރުވެފައި ތިބި އެންމެން އެއްވަޅުގަނޑެއްގައި ވަޅުލުމަށް އަހަރެމެން މަސައްކަތް ކުރިން. އެކަމަކު އެކަން ކުރަން އުޅުމުންވެސް ސަހްޔޫނީ ސިފައިން އަހަރެމެންނަށް ދިނީ ހަމަލާ" އަލްޝިފާ ހޮސްޕިޓަލުގެ ހާލަތު އަލްޖަޒީރާ މެދުވެރިކޮށް ދުނިޔެއަށް ސިފަކޮށްދެމުން އަބޫސާދާ ވިދާޅުވިއެވެ.