އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓް ލިބޭނެ ގޮތް ނެތުމުންނާއި އިޒްރޭލުންދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ފާއިތުވެދި ދެތިން ދުވަސްތެރޭގައި އެހޮސްޕިޓަލުގައި މަރުވި 100 އެއްހައި މީހުން ވަޅުލެވޭނެ ގޮތެއް ނެތް ކަމަށް ޣައްޒާގެ ހެލްތު މިނިސްޓަރާ ހަވާލާދީ "ވަފާ ނިއުސް" އިން ބުނެފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓަރ މައި އަލް ޚައިލާ "ވަފާ ނިއުސް" އަށް ވިދާޅުވީ ޝިފާ ހޮސްޕޮޓަލުގެ ވަށައިގެން އިޒްރޭލު ސިފައިން އެބަތިބި ކަމަށާއި ހޮސްޕިޓަލް ބޭރުން ފެންނަ ކޮންމެ މީހެއްގެ ގަޔަށް އެމީހުން ބަޑި ޖަހަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން ހޮސްޕިޓަލުގައި މަރުވެފައި ތިބި ސަތޭކައެއް މީހުން ހޮސްޕިޓަލުން ބޭރަށް ނެރެ ވަޅުލެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ޝިފާ ހޮސްޕިޓަލުން "މެޑިކަލް ކުނި ބުނި" ވެސް ބޭރަށް ނެރެވޭނެ ގޮތް ނެތް ކަމަށް މިނިސްޓަރ ޚައިލާ ވިދާޅުވިއެވެ.
ޓެރަރިސްޓް އިޒްރޭލުން ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމާއި ގުޅިގެން، އެހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ހިތުގެ ބަލީގެ އެންމެން ރޭގެ ވަގުތެއްގައި މަރުވެފައިވާކަން ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުން މީގެ ގަޑިއެއްހައިރު ކުރިން އދ. އިން ހާމަކުރި މައުލޫމާތެއްގައި ބުނީ އަލް ޝިފާ ހޮސްޕިޓަލުން 3 ނަރުހުންނާއި، ވިހެއުމުގެ ތެރޭގައި ދެ ކުދިން މަރުވެފައިވާ ކަމަށެވެ.
އިނގިރޭސިންނާއި އެމެރިކާގެ އެހީތެރިކަމާއެކު 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމަށް ޒަޔަނިސްޓް ޔަހޫދީން ވެރިވެ ގަތުމަށްފަހު ފާއިތުވެދިޔަ ކޮންމެ ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ މަދަދު ލިބިގެން އިޒްރޭލުން ޤަތުލް އާންމު ހިންގި ދުވަހަކެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ޓެރަރިސްޓް އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް އާންމުގައި 14،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާނެ ކަމަށް އދ.އިން މިހާރު އަންދާޒާ ކުރެއެވެ.