ރޭ ފަތިހުގެ ވަގުތެއްގައި އިސްރާއީލު ސިފައިން ޚާން ޔޫނިސްގެ އިރުމަތީގައި ހުރި ގެއަކަށް ވައިގެ މަގުން ހަމަލާދިނުމުން ކުޑަ ތިން ކުދިން ހިމެނޭ ގޮތަށް މަދުވެގެން ހަތް މީހަކު ޝަހީދުވެފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެފިއެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ އެހެން ޒަޔަނިސްޓް އިޒްރޭލުގެ ޓެރަރިސްޓް އަސްކަރިއްޔާއިން ދިން އެހެން ހަމަލާއެއްގައި ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އަލް ގަރާރާ ޓައުންގައި ހުންނަ ޤުދުރާ އާއިލާއަށް ނިސްބަތްވާ އަމާޒުވެފައިވާ ކަމަށާއި ލިބުނު ޒަޚަމްތައް ސީރިއަސް ކަމަށެވެ. އެކަމަކު ޒަޚަމްވީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ.

ޣައްޒާގެ އިތުރުގައި ދިިރިއުޅޭ ރައްޔިތުން ދެކުނަށް ދިއުމަށް ޒަޔަނިސްޓް އިޒްރޭލުން އަމުރުކޮށްފައިވާތީ، ޚާން ޔޫނިސް ހިމެނޭ ގޮތަށް ޣައްޒާގެ ދެކުނު ބަޔަކީ ރައްކާތެރި ސަރަހައްދަކަށްވާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ. އެހެންނަމަވެސް ގޮތެއް ފޮތެއް ނެތް ޒަޔަނިސްޓް ޔަހޫދީ ސިފައިން ދަނީ ޖެހުނު ކޮންމެ ދިމާއަކަށް ހަމަލާދީ ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުންނެވެ.

ފާއިތިވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި 5000 އާއި ގާތްކުރާ އަދަދަކަށް ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މުޅިއެކު ޝަހީދުކޮށްލި މީހުންގެ އަދަދު 14،000 އަށް އަރާނެ ކަމަށް އދ.އިން ބުނެއެވެ.