ޅ. ފުށިފަރު ރިސޯޓުން ޖެޓް ސްކީއެއްގައި ފުރި ދެ މީހުން އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 20:42 ހާއިރު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިން އޮޔާ ދަނިކޮށް ފެނުނީ އެ ރިސޯޓްގެ ލޯންޗަކަށް ކަމަށެވެ.

އެ ދެ މީހުން ވެސް މިހާރު ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށާއި ޖެޓް ސްކީ ހުއްޓިފައި ވަނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭގެން ދަތުރުކުރީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 19:04 ހާއިރު އެވެ.

އެ ދެމީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށާއި، އެ ދެމީހުން ޖެޓް ސްކީގައި ދިޔައީ މަޖާކޮށްލުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެ ދެމީހުން ވެސް ތިބީ ލައިފް ޖެކެޓު އަޅައިގެން،" އާޒިމް ވިދާޅުވި އެވެ.

އެ ދެމީހުން ހޯދުމަށް އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އާއި ކޯސްޓްގާޑުގެ ޑައިވަރުން ވެސް ހަރަކާތްތެރިވި އެވެ.