ނަޝީދު ވަކިކުރުމުގެ މައްސަލަ އަނެއްކާވެސް އެޖެންޑާ ކޮށްފި ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެ ޖަލްސާ ފެށޭ ގޮތެއް ނުވިއެވެ.

މިއަދު ދެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގެ ވެބްސައިޓުގައި އާންމުކޮށްފައިވެއެވެ.

އެގޮތުން ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމެވެ.

މިޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން މަޖިލިސް ކުޑަ ދަށުގައި ތިބި ކަމަށާއި، ނަމަވެސް ޖަލްސާގެ ކޯރަމް ހަމަ ކުރަން އެބޭފުޅުން ދެކޮޅު ހައްދަވާ ކަމަށެވެ.ނަމަވެސް ޖަލްސާގެ ކޯރަމް ހަމަވޭތޯ ބަލަން މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ،

މީގެއިތުރުން އެކަމަނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވާ ޖަލްސާއަށް ބަލި ހާލަތު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް އަންގަވާފައިވާކަމަށެވެ. އަދި މިކަމުގައިވެސް ވަކި ގޮތެއް ނިންމޭނީ ޖަލްސާގެ ކޯރަމް ހަމަވެ މަޖިލީހުން ވަކި ގޮތެއް ނިންމައިގެން ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ދެވަނަ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދުގައި ގޮތެއް ނިންމުމެވެ.