ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރުގޭ އަހްމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު ސީވީޑް އަހްމަދު ލަތީފަށް އަރުވައިފިއެވެ.
މި ބޭފުޅުންނަށް ޝަރަފު އެރުވުން އޮތީ، މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއަޔާތެއްގައެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި މި ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އެރުވީ މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ. މި ބޭފުޅުންނަކީ ހާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ވަކިވެވަޑައިގަންނަވާ ދެ ބޭފުންނެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި އަހްމަދު ހަލީލް، ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މެދުކެނޑުމެއްނެތި މި ދާއިރާގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެމަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަގުނަ ޚިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން އެމަނިކުފާނު ރާއްޖޭގެ އެ ދާއިރާގެހިދުމަތާ ގުޅިވަޑައިގަތީ، 22 ޑިސެންބަރު 1981 ގައެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާއެވެ. އަދި އެ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ، އ.ދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ.
ގޮތުން، ނިއުޔޯރކްގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހަލީލް ވަނީ ހިދުމަތް ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުވެސް 7 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމަށް، 3 އޮކްޓޫބަރު 2016 ގައި އަހްމަދު ހަލީލް ހަމަޖެއްސެވިއެވެ. އަދި މިހާރު ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަޤާމަށް އައްޔަންކުރައްވައިފައިވަނީ 22 ނޮވެންބަރު 2018 ގައެވެ. އެ މަޤާމާ ހަވާލުވެވަޑައިގެން މިވީ 4 އަހަރާ 11 މަސްދުވަހުގެ ތެރޭގައި، އެބޭފުޅާ ވަނީ ފާހަގަކޮށްލެވޭ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަ ކާމިޔާބީތަކެއް އެމަނިކުފާނުވަނީ ރާއްޖެއަށް ހޯއްދަވައި ދެއްވާފައެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު މިއަދު އެރުވި ފޮރިން ސެކްރެޓެރީ އަހްމަދު ލަތީފް، ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމެވެ.
މީގެ އިތުރުން އެ ހިދުމަތުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ވަކިން ހާއްސަކޮށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާރކް ފަދަ ސަރަހައްދީ ޖަމުއިއްޔާތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގައެވެ.
މިގޮތުން، ސާރކް އުފެއްދުމުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ، އެމަނިކުފާނެވެ. އަދި، ސާރކް ސެކްރެޓޭރިއެޓްގައި ދިވެހިރާއްޖޭގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައި، އަދި ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓުގެ އެކި ކަންކަމުގައިވެސް އަމަލީގޮތުން ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި އެމަނިކުފާނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ގާއިމުކުރެވުނުއިރު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި އެމަނިކުފާނު ހުންނަވައިގެން، ހައިކޮމިޝަން ގާއިމުކުރެއްވުމުގައްޔާއި ހިންގެވުމުގައި ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް ލަތީފަކީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.
މި ދެބޭފުޅުންނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި، އަދި ބޭރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއި، ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްތީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ބޭރުގެ އެކި ގައުމުތަކުންނާއި، ބައިނަލްއަގްވާމީ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާއަތްތަކުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމުގައި މި ދެބޭފުޅުން ވެދެއްވާފައިވާ ހިއްސާއާއި، ރާއްޖޭގެ ރައްޔިތުންނަށް ބޭރުގެ އެކި ގައުމުތަކުން އެކިއެކި ލުއިފަސޭހަތައް ހޯއްދަވައިދެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.