ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަނެވޭގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރެއިން ކުރަމުންދިއުމާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި މިވަނީ އާންމުވެ މަގްބޫލުވެފައެވެ. 2022ވަނަ އަހަރުގެ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެވެސް ވައްތަރެއްގެ ދުންފަތުގެ ބާވަތެއް ބޭނުންކުރާ ކުދިންނެވެ.
ދިވެހިރާއްޖޭގައިވެސް ފުރާވަރު ކުދިންނާ ޒުވާނުންގެ މެދުގައި މިފަދަ ބާވަތްތައް ބޭނުންކުރުން އާންމުވެ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖޭގައިވެސް މި ކަން އޮތީމިހެންނެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކަށް ބާލާއިރު: 2021-2022 ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސަތަށްދެނެގަތުމަށް ހެދިފައިވާ "ސްޓެޕްސާރވޭ އިންދައްކާގޮތުން" ފުރާވަރު ޢުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ޢުމުރަކީ ޢުމުރުން އެންމެ 8 އަހަރު ކަމުގައިވުމީ ވަރަށްވެސް ކަންބޮޑުވާން ޖެހޭއިރު، 2014 ގައި ރާއްޖޭގައި 13 އަހަރާއި 17 އަހަރާއި ދެމެދު ޢުމުރު ފުރައިގެ ކުދިންގެ ތެރޭގައި ހެދިފައިވާ ގްލޯބަލް ސްކޫލް ހެލްތު ސާވޭއިން ދައްކާ ގޮތުގައި، 7 އަހަރަށްވުރެ ކުޑައިރުގައި ދަރިވަރު ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައި ވެއެވެ.
މި ސާރވޭތަކުން ދައްކާ ގޮތުގައި، 13 އަހަރާއި 17 އަހަރާއި ދެމެދު ކުދިން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު 2009 ގައި %14.7 އިން 2014 ގައި %12.3 އަށް (%2.4 ގެ ކުޑަ އިންސައްތަ އަކުން) ދަށް ވެފައި ވުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދު ތަންފީޛު ކުރަން ފެށުމުގެ ނަތީޖާއަކަށް ވެދާނެއެވެ. ނަމަވެސް 2019 ގައި ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސަރވޭ ދައްކާ ގޮތުން، ސިނގިރޭޓް ބޯ ކުދިންގެ ޢަދަދު އެ ސަރވޭގެ 2011 ގެ ނަތީޖާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި (%4.3 އިން %4.7 އިތުރުވުމެއް) ދެއްކި ނަމަވެސް 2019 ގެ ހިސާބު ދައްކާގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިންގެ ޖުމްލަ ނިޞްބަތްވަނީ %11.2 އިން %45.7 އަށް އިތުރު ވެފައެވެ.
މިހާބޮޑު އިތުރުވުމެއް (ސިނގިރޭޓްބޯ މިންވަރު އެއްވަރެއްގައި ހުރެފައި) އައުމުން ފާހަގަކުރެވެނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އީ-ސިނގިރޭޓާއި ޝީޝާ އާއި ވޭޕްގެ ބާވަތްތައް ބުއިމުގައި މި ޢުމުރުގެ ކުދިން ޝާމިލުވާ މިންވަރެވެ. އަދި ފުރާވަރު ކުދިންނަށް އަމާޒު ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އިޝްތިހާރުތަކުގެ އަސަރުކުރުމާއި ބޭނުން ކުރާ އާލާތްތައް ފަސޭހައިން ލިބުމާއި އެތަކެތި ބޭނުންކުރަން ދާނެ މާޙައުލުތައް ވަރަށް ގިނަ ކަން ފާހަގަ ކުރެވެއެވެ. އަންހެންކުދިންނާއި ފިރިހެން ކުދިންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ، ކުރިއެކޭ އެއްގޮތަށް އެއްވަރެއްގައި ހުރިކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގައިވެސް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ގިނަ ޢަދަދަކަށް މީހުން ބަލިތަކަށް ހުށަހެޅި، މި ކަމަށް ފަރުވާ ކުރުމަށް ތިމާގެ ޖީބުންނާއި ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭއެވެ. ރާއްޖޭގެ ޒުވާން އާބާދީއާއި މެދު އުމުރު މީހުންގެ މެދުގައި، ދިގުމުއްދަތަށް ބޭސް ކުރަންޖެހޭ އަދި އެބަލިތަކުގެ ސަބަބުން ވަޒީފާ އަދާ ނުކުރެވޭ މިންވަރު ދަނީ އިތުރު ވަމުންނެވެ. ސްކޫލް ކުދިންނާއި ވަޒީފާ އަދާ ނުކުރާ ޒުވާނުން ހިމެނޭހެން، ދުންފަތުގެ އެކިއެކި ބާވަތްތައް ގަނެ ބޭނުން ކުރުމަށް ތިމާއަށްލިބޭ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަންޖެހެއެވެ. އެހެން ކަމުން ދުވަހުން ދުވަހަށް މަހުން މަހަށް ޚަރަދުތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ގޮންޖެހުމަކަށް ވެއެވެ. ހަމައެކަނި، ސިނގިރޭޓަށް ބެލިނަމަވެސް، 1.8 ބިލިއަން ރުފިޔާ ހޭދަކޮށްގެން އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރެއެވެ. މީގެ އިތުރުން ޝީޝާގައި ބޭނުން ކުރާ ދުންފަތާ އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ ހޭދަ ކުރެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް، އެންމެން ޙިއްޞާވާ އާސަންދައިން ބޮޑު ހޭދައެއް ކުރާއިރު، ބަލިތައް ތަޙައްމަލު ކުރާ ޢުމުރުފުރައިގެ މީހުންގެ ތެރޭގައި މަސައްކަތް ނުކުރެވޭ މީހުން ގިނަވުމުން، ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީއާއި އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށައެޅުމަކީ އެކަމުގެ ސަބަބުން ތަފާތުއެކި ގިނަ ބަލިތަކަށް ހުށައެޅިގެންދާ ކަމެކެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު ދިގުމުއްދަތަށް ބަލި ތަޙައްމަލުކުރަންޖެހޭ ފަރުވާކުރުމުގައި ބޮޑެތި ހޭދަކުރަންޖެހޭ އަދި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުންނެވެ. ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ޙާލަތްތައް ދިމާވެ ވަޒީފާ އަދާނުކުރެވޭފަދަ ހާލަތްތަކުގައިވާ މީހުން ގިނަވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ދުންފަތާއި ޢާއްމު ޞިއްޙަތު
ދުންފަތުން އިންސާނާގެ ޞިއްޙަތަށް ވާ ގެއްލުމަކީ އެކަމާމެދު ސުވާލެއް ނުއުފެދޭވަރަށް ދިރާސާތަކުން ޘާބިތުވެފައިވާ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ ވިހަ މާއްދާތަކަށް ހުށަހެޅޭ ދުންފަތުގެ އިސްތިޢުމާލު ނުކުރާމީހުންގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ތަފާތު ޞިއްޙީ ގެއްލުން ދުންފަތާއި ދުންފަތުގެ ދުމަށް ހުށައެޅުމުގެ ސަބަބުން ލިބެއެވެ. އަދި މިކަމުން އެމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ހުރަސް އެޅެއެވެ. ފުއްޕާމޭގެ ކެންސަރު ޖެހުމުގެ %90 ހިރާސްއަކީ ސީދާ ދުންފަތުގެ ދުން ކަމުގައި ވީހިނދު ކެންސަރުގެ އިތުރުން ގައިންގަޔަށް ނާރާ އެހެން ބަލިތަކުގެ ހިރާސް ކަމުގައިވެސް ދުންފަތް ހިމެނެއެވެ. ދިގު މުއްދަތަށް ނުވަތަ އުމުރު ދުވަހަށް ފަރުވާ ކުރަންޖެހޭ ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރުބަލީގެ ހިރާސްއަކަށްވެސް ދުންފަތް ވެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޓީ.ބީ ޖެހުމަށް މަގުފަހިކޮށްދޭ އަދި ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަނގަޅަށް ލިބުމަށް ހުރަސްއަޅާ ކަމެކެވެ. ދަރިމައިވުމުގެ ޞިއްޙަތަށް ބަލާއިރު، ދަރިން ނުލިބުމަށް މެދުވެރިވުމާއި، ބައިގެން ދިއުމާއި، އުފަންވާއިރު އައިބު ހުރުމާއި، އުފަންވުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި، ތުއްތު ދަރިފުޅަށް ނޭވާހިއްލުން ފަދަ ކަންތައްތައް މެދުވެރިވުމަކީ މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ނުވަތަ ދުންފަތުގެ ވިހަތަކަށް ހުށަހެޅުމުން ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ދިވެހިރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު) ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކުރެއެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގުމުއްދަތުގެ ބަލިތަކެކެވެ. އެހެންކަމުން ބަލިމީހާއާއި ޢާއިލާތަކުން އެތައް ހިތްދަތިކަމަކާއި ވޭންތަކެއް ތަޙައްމަލު ކުރަން ޖެހޭ ބަލިތަކެވެ.
1. ދުންފަތުން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަންޖެހޭ މުހިއްމު ބައެއް ކަންކަން
ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރެއިން، ކުރެވޭ މަސައްކަތާއި ޚަރަދަށް އެންމެ ގިނަ ފައިދާ ލިބޭ (cost-effective) ފިޔަވަޅުތައްވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ތަޖްރިބާއިންނާއި ސައިންސުގެ ޢިލްމުން ދިރާސާކޮށް ހޯދާފައެވެ. މި ފިޔަވަޅުތަކަކީ ރާއްޖެއަށްވެސް އެކަށީގެންވާ ފިޔަވަޅު ތަކެކެވެ. ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ، "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" (FCTC) ގެ ދަށުން މެންބަރު ޤައުމުތަކުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ ޙާލަތާއި، ތަންފީޛު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ބަލައި، އާބާދީގެ ގިނަބަޔަކަށް ފައިދާ ލިބޭނޭ އަދި އެންމެ ފަސޭހައިން ތަންފީޛު ކުރެވޭނޭގޮތަށް މިކަންކަން ކުރުމަކީ މުހިއްމު ކަމެކެވެ.
1) ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ޤަވާޢިދުތަކަށް ޢަމަލުކުރުން އިތުރަށް ހަރުދަނާކޮށް ޢާއްމު މާޙާއުލުތަކުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ޤާނޫނީ ޙައްޤު ކަށަވަރުކުރުން.
2) ދުންފަތަށް އަލަށް ހުށަހެޅޭ ފަރާތްތައް މަދުކުރުމަށް، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް މާރކެޓް ކުރުން ހުއްޓުވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުން.
3) ދުންފަތުގެ އިސްތިޢުމާލުކުރުމާ އަދި ދުންފަތުގެ ވިޔަފާރިއާ އަދި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލާ މޮނިޓަރކޮށް އަދި ކުރަންޖެހޭ ދިރާސާތައް ކޮށް އެ މަޢުލޫމާތު ތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޛު ކުރުން.
4) ދުންފަތުގެ ނުރައްކަލާބެހޭ ގޮތުން މީހުން ހޭލުންތެރިކަން އިތުރު ކުރުން.
5) ދުންފަތުގެ ބާވަތްތަކުން ނަގަންޖެހޭ ޓެކްސް އިތުރުކުރުމުގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭ ގޮތަށް އެޓެކްސް އިތުރުކުރަންޖެހޭ އުޞޫލްތައް އެކުލަވާލައި، އަދި ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާ ހެލްތު ޕްރޮމޯޝަން އަށް ހޭދަކުރުން.
6) ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަންގެ ޚިދުމަތް އިންތިޒާމް ކުރުން.
މީގެ އިތުރުން، ދައުލަތުގެ މުއައްސަސާ ތަކުގެ މެދުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ވިލަރެސް ކުރުމަށް ނިޒާމެއް ޤާއިމު ކުރުމާއި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ރައްކާތެރި ކުރަން ޖެހެއެވެ.
މަޢުލޫމާތު: އެޗް.ޕީ.އޭ